
ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ މައްޗަށް އެމެރިކާގައި އުފުލާފައިވާ ދައުވާތައް ބާތިލްކުރުމަށް އޭނާގެ ވަކީލު މެންހަޓަންގެ ފެޑަރަލް ކޯޓުގައި އެދިއްޖެއެވެ.
މަދޫރޯގެ ވަކީލު ބެރީ ޕޮލަކް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވަނީ، މަދޫރޯގެ ގާނޫނީ ހަރަދުތައް ބެލެހެއްޓުމަށް ވެނެޒުއޭލާ ސަރުކާރުން ފޯރުކޮށްދޭންޖެހޭ ފައިސާ އެމެރިކާ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ. މިއީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމަށް މަދޫރޯއަށް ލިބިގެންވާ ގާނޫނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.
ވެނެޒުއޭލާގެ ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ދިފާއުވުމަށް ހިނގާ ގާނޫނީ ހަރަދުތައް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް މަދޫރޯ ވަނީ ވިދާޅުވެފައެވެ. މަދޫރޯ ސޮއިކުރައްވައި ކޯޓަށް ހުށަހެޅި ބަޔާނުގައި ވިދާޅުވެފައިވަނީ، އަމިއްލަ ޖީބުން އެ ހަރަދުތައް ކުރެވޭނެ މާލީ ތަނަވަސްކަން އޭނާގެ ކިބައިގައި ނެތް ކަމަށާއި، އޭނާ ބޭނުންވަނީ ވަކީލު ޕޮލަކްއާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.
މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެ ބޭފުޅުންގެ ގޭގައި ތިއްބަވަނިކޮށެވެ. އޭގެ ފަހުން އެ ދެ ބޭފުޅުން ތިއްބެވީ ނިއުޔޯކްގެ ބަންދެއްގައެވެ. މަދޫރޯގެ މައްޗަށް 25 ސަފުހާގެ ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތީގެ ކާޓެލްތަކާ ގުޅިގެން އެމެރިކާއަށް ގިނަ އަދަދެއްގެ ކޮކެއިން އެތެރެކުރުމުގެ ތުހުމަތާއި، ބައެއް މީހުން ރަހީނުކުރުމާއި މެރުމަށް އަމުރުކުރި ކަމުގެ ތުހުމަތުތައް ހިމެނެއެވެ. މި ކުށްތައް ސާބިތުވެއްޖެނަމަ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުންނަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ވަކީލު ޕޮލަކް ވިދާޅުވި ގޮތުގައި، އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން މަދޫރޯގެ އަނބިކަނބަލުންގެ ގާނޫނީ ހަރަދުތަކަށް ފައިސާ ދެއްކުމުގެ ހުއްދަ ދިން ނަމަވެސް، މަދޫރޯގެ ހަރަދުތަކަށް ފައިސާ ދެއްކުމުގެ ހުއްދަ ވަނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ބާތިލްކޮށްފައެވެ.










