
މި މަހު 28 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން އޭނާގެ އާއިލާގެ ގާތް މެންބަރުން ޝަހީދުކޮށްލާފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާތަކުން ކަށަވަރުކޮށްދީފިއެވެ.
ތެހެރާންގެ މެދުތެރޭގައި ހުންނަ ޚާމަނާއީގެ ރަސްމީ އޮފީހާއި ގަނޑުވަރަށް އަމާޒުކޮށް ދިން މި ހަމަލާގައި، ޚާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުން ޒަހްރާ ހައްދާދު އާދިލް އާއި، ދަނބިދަރިކަލުން މަސްބާހުލް ހުދާ ބާގިރީ ކަނީ އަދި ކާފަދަރިއަކު ވެސް ވަނީ ޝަހީދުވެފައެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޚާމަނާއީގެ ލޭީފުޅެއް (ދަރިއެއްގެ އަނބިކަނބަލެއް) ވެސް ވަނީ ވަކިވެދިޔަ ޝަހީދުންގެ ތެރޭގައި ހިމެނިފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފައެވެ. އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުވުމާ ގުޅިގެން އުފެދުނު ގައުމީ ހުސްކަން ފުރުމަށްޓަކައި، ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްވެ ހުންނަވައިގެން ވަގުތީ ލީޑަރޝިޕް ކައުންސިލެއް މިހާރު ވަނީ އެކުލަވާލާފައެވެ.
މި ހަމަލާއަކީ އީރާނުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ސިފަކޮށް، އީރާނުގެ ރޫހާނީ ލީޑަރާއި އޭނާގެ އާއިލާގެ ލެޔަށް ބަދަލުހިފާނެ ކަމުގެ ވަރުގަދަ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.










