
މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަތަކާއި، އޭގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި ސަޕްލައި ޗެއިންއަށް އަންނަމުންދާ ލޮޅުންތަކަކީ މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވަމުންދާ ކަމެކެވެ. ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ކުދި ގައުމުތަކަށް މިކަމުގެ އަސަރު މާ ބޮޑަށް ކުރާއިރު، ދުނިޔޭގެ އެންމެ މުއްސަނދި އަދި ވަސީލަތްތައް ގިނަ ގައުމުތަކުން ވެސް މިހާރު ވަނީ ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި "އޮސްޓެރިޓީ މެޝާސް" ނުވަތަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ބައެއް ގައުމުތަކުން ސިވިލް ސާވިސްގެ ޚަރަދުތައް ކުޑަކޮށް، ސިޔާސީ މުވައްޒަފުން މަދުކޮށް، ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ މަންޒަރު ފެންނަނީ މުޅިން ތަފާތުކޮށެވެ. ރާއްޖޭގެ ސަރުކާރުން މިފަދަ އެއްވެސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އިގްތިސާދީ ގޮތުން ހުރި ނުރައްކާތައް ރައްޔިތުންނަށް ސިއްރުކޮށް، "ހުރިހާ ކަމެއް އަމާން" ކަމުގެ ކުލަވަރު ޖެއްސުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މި ހަގީގަތް އޮޅުވާލުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް ސިޔާސީ މުހައްލިލުން ދެކެއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ސަރުކާރުން އިގްތިސާދީ ހަގީގަތް ފޮރުވުމަކީ ރާއްޖޭގައި އާންމުވެފައިވާ ނޭދެވޭ އާދައެކެވެ. ދައުލަތުގެ ރިޒާވްގައި ފައިސާ އެބަހުރި ކަމަށާއި، ބޭރުގެ ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނަމުންދާއިރު، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުންނާއި މާލީ އިދާރާތަކުން ދަނީ ރާއްޖޭގެ މާލީ ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބުނެ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. އިންތިޚާބުގެ ވޯޓަށްޓަކައި މިފަދަ ހަގީގަތްތައް ފޮރުވައި، ޚަރަދުތައް ކުޑަނުކޮށް ކުރިއަށް ދިއުމަކީ ގައުމުގެ މުސްތަގުބަލު "ބަނގުރޫޓުވުމާ" ދިމާއަށް ގެންދިއުމަށް ކުރެވޭ ނުރައްކާތެރި ދަތުރެކެވެ.
ޚާއްސަކޮށް، ފިނޭންސް މިނިސްޓަރު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަކީ ގައުމުގެ އިގްތިސާދީ ސިޔާސަތު ބައްޓަންކުރަން ތިބި ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަކަން ހާމަވާ ކަމެކެވެ. އެހެން ގައުމުތަކުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ގެންގުޅެނީ ހަމައެކަނި ސިޔާސީ މަގްސަދެއްގައި ކަމަށް ދޭހަވާ މޭރުމުން ވާހަކަދެއްކެވުމަކީ، އަމިއްލަ ގައުމުގެ ނުކުޅެދުންތެރިކަން ފޮރުވުމަށް ކުރައްވާ ކަމެކެވެ.
ތަރައްގީވެފައިވާ ގައުމުތަކުން އިގްތިސާދީ ކާރިސާތަކުން އަރައިގަތުމަށް އަޅާ ސައިންޓިފިކް ފިޔަވަޅުތަކަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަދެއްކުމުގެ ބަދަލުގައި، ރާއްޖޭގެ ދައުލަތުގެ ބޮޑުވަމުންދާ ޚަރަދުތަކާއި، ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމާއި، ބޭކާރު ގޮތުގައި ކުރެވޭ ދަތުރުފަތުރާއި ހަފްލާތަކުގެ ޚަރަދުތައް ކުޑަކުރުމަށް މިނިސްޓަރު އިސްކަން ދެއްވަން ޖެހެއެވެ.
ރާއްޖޭގެ އިގްތިސާދީ ނައު މިހާރު ދަތުރުކުރަމުންދަނީ ނުރައްކާތެރި ކަނޑެއްގައެވެ. ބޭރުގެ ހަނގުރާމަތަކާއި ދުނިޔޭގެ ބާޒާރުގެ އޮއިވަރު ހުރި ގޮތުން، މިހާރުން މިހާރަށް ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިންތިޚާބީ ފައިދާއަށްވުރެ ގައުމީ މަސްލަހަތު އިސްކުރަން ޖެހެއެވެ. ސަރުކާރުން ހަގީގަތް ސިއްރުކުރުން ހުއްޓާލައި، ރައްޔިތުންނަށް ތެދު މައުލޫމާތު ދީ، އިގްތިސާދު ހަމަމަގަށް އެޅުވުމަށްޓަކައި ހިތި ނަމަވެސް މުހިންމު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައެވެ. އެހެން ނޫންނަމަ، އިންތިޚާބަށްފަހު ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް މިއަށްވުރެ އެތައް ގުނައެއް ބޮޑުވެގެންދާނެއެވެ.










