
އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ ދިފާއީ ބާރުތައް ނައްތާލާނެ ކަމަށް ބުނެފައިވަނިކޮށް، އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު އިންޒާރެއް ފޮނުވައިފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ޕްލާންޓްތަކަށް އެއްވެސް ކަހަލަ ހަމަލާއެއް ދީފިނަމަ، މުޅި އިޒްރޭލުގެ ހަކަތައާއި ފެނުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. މީގެ އިތުރުން، އިސްރާއީލުގެ އިގްތިސާދީ މުހިންމު މަރުކަޒުތަކާއި އިންފްރާސްޓްރަކްޗަރ އަކީ އީރާނުގެ މިސައިލްތަކުގެ އަމާޒުފަތްގަނޑަކަށް ވެގެންދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އީރާނުން ބުނަމުންދަނީ އިސްރާއީލުގެ ކޮންމެ ހަމަލާއަކަށްވެސް ދޭނީ އެއަށްވުރެ މާ ވަރުގަދަ އަދި ހިތްދަތި ރައްދެއް ކަމަށެވެ.
ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ، މުޅި މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ދިގުދެމިގެންދާ ބޮޑު ހަނގުރާމައަކަށް މަގުފަހިވެގެންދާނެއެވެ.










