
މިނާބު ސިޓީގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް ދިން ރަހުމުކުޑަ މިސައިލް ހަމަލާގެ ފޫޓޭޖް އާންމުވުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހެއްދެވި ދޮގުތައް ފަޅާއަރައިފިއެވެ. މި ހަމަލާއަކީ އީރާނުން އަމިއްލައަށް ދިން ހަމަލާއެއް ކަމަށް ބުނެ ޓްރަމްޕް ވާހަކަދެއްކެވި ނަމަވެސް، އަލަށް ފެންމަތިވި ވީޑިއޯއިން ސާބިތުވަނީ މިއީ އެމެރިކާއާއި އިޒްރޭލު ގުޅިގެން ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމެވެ.
މި ހަމަލާގައި ބޭނުންކޮށްފައިވަނީ އެމެރިކާގެ އުފެއްދުމެއް ކަމަށްވާ "ޓޮމާހޯކް" މިސައިލެވެ. ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި، މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރިން "ޑައިވިން މޯޑް" އަށް ބަދަލުވެ، ސީދާ ސްކޫލަށް އަމާޒުވެފައިވަނީ ކަނޑައެޅިފައިވާ ލަނޑުދަނޑި ހޯދުމަށްފަހުގައެވެ. މިއީ އޮޅުމަކުން ދީފައިވާ ހަމަލާއެއް ނޫންކަމާއި، ގަސްތުގައި ދީފައިވާ ހަމަލާއެއްކަން މި މަންޒަރުތަކުން ކަށަވަރުވެއެވެ.
މި ބިރުވެރި ހަމަލާގައި އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ 168 އަންހެން ކުދިން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުންވެސް މި ހަމަލާގައި ވަނީ މަރާލާފައެވެ. މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް އެމެރިކާއަށާއި އިޒްރޭލަށް ވަނީ އަމާޒުވެފައެވެ.










