
މެދުއިރުމަތީގައި އޮތް ނުތަނަވަސްކަމާއި، އިސްރާއީލަށް ކުރިމަތިވެދާނެ ހަމަލާއަކަށް ބިރުން، އެމެރިކާއިން އެ ސަރަހައްދުގެ ދިފާއީ ވަރުގަދަކުރުމުގެ ގޮތުން ދެކުނު ކޮރެއާގައި ހުރި ވައިގެ ދިފާއީ ނިޒާމުތައް މެދުއިރުމައްޗަށް ބަދަލުކުރަން ފަށައިފިއެވެ.
ދެކުނު ކޮރެއާގެ "ޔޮންހަޕް" ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވަނީ ދެކުނު ކޮރެއާގައި ގާއިމުކޮށްފައިވާ "ޕެޓްރިއޮޓް" (Patriot) އަދި "ތައާޑް" (THAAD) އެއާ ޑިފެންސް ސިސްޓަމްތައް މެދުއިރުމައްޗަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނާއި، އެ ގައުމުގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ އިސްރާއީލުގެ ދިފާއުގައި އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި ނިންމުމާ ގުޅިގެން ދެކުނު ކޮރެއާގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ދެކުނު ކޮރެއާގެ ރައީސް މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
މި ބަދަލަކީ އިރާނަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނާ ގުޅިގެން، މެދުއިރުމަތީގެ އެކި ސަރަހައްދުތަކުން އިސްރާއީލަށާއި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުވެދާނެ ހަމަލާތަކަކުން ސަލާމަތްވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތެކެވެ. ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން ދެކުނު ކޮރެއާގެ ރައްކާތެރިކަމަށް ބުރޫއަރާފާނެތީ އެ ގައުމުން ދަނީ ސުވާލު އުފައްދަމުންނެވެ.
އެމެރިކާގެ މި އަމަލުން ދޭހަވަނީ، މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން އެމެރިކާއަށް އޮތް ބިރުވެރިކަން ބޮޑުވެ، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުރި އެ ގައުމުގެ ދިފާއީ ވަސީލަތްތައްވެސް އެ ސަރަހައްދަށް ޖަމާކުރަން މަޖުބޫރުވެފައިވާ މިންވަރެވެ.










