
ނިރުބަވެރި ސަހްޔޫނީން، ލުބުނާނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާ ނުލުމުން، އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފިއެވެ.
އިސްރާއީލާއި ލުބުނާންގެ ހިޒްބުﷲ އާ ދެމެދު ކުރިއަށްދާ ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް މީގެ 21 ވަރަކަށް ގަޑިއިރުކުރިން އައިސްފައިވީ ނަމަވެސް، ހަމަލާތައް ހުއްޓާލައިނުވެއެވެ. އެމެރިކާއާއި އީރާނުން ކުރަމުން އަންނަ ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމާއެކު، އިއްޔެ ހޮރްމޫޒް ކަނޑުއޮޅި ވަނީ ހުޅުވާލާަފއިވަނިކޮށް، އިސްރާއީލުން ވަނީ އެއްބަސްވުން އެކުލަވާލި ފަހުން ވެސް ލުބުނާނަށް ހަމަލާތައް ދީފައެވެ.
އެގޮތުން ރޭ ފަތިހުން ފެށިގެން ވެސް އިސްރާއީލުން ދަނީ ލުބުނާނަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި 32 މީހުން ޝަހީދުކޮށްލާފައިވެއެވެ.
މިކަމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ބުނީ، އެމެރިކާއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އިސްރާއީލުން ހިލާފުވެފައިވާ ކަމަށާ، ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަމަށެވެ.
މިއީ އެ ހަމަލާތަކާއި ގުޅިގެން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި އިތުރަށް ހަމަލާތައް ދޭ ނަމަ، އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
މީގެ ކުރިން މިމަހުގެ 15 ގައި ވެސް ހޮރްމޫޒް ކަނޑުއޮޅި ހުޅުވި ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނު ކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވި ނަމަވެސް، އީރާނުން ވަނީ އިސްރާއީލުން ލުބުނާނަށް ހަމަލާތައް ދޭ ނަމަ، ރައްދު ހަމަލާތައް ދޭނެ ކަމަށް ބުނެފައެވެ.










