March 11, 2026
Advertisement
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މި މަހު 18 ގައި!
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މި މަހު 18 ގައި! / ގަލްފް ޓައިމްސް

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މި މަހު 18 ގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2026, 04:29 PM
މާލެ ސިޓީ

1447 ވަނަ ފިޠުރު ޢީދު ދުވަސް ކަނޑައެޅުމަށްޓަކައި، ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި ހިނގާ މާރޗު މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

Advertisement

ޑީޖޭއޭއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

 މާލޭގައިނަމަ ހެކިބަސް ދޭންވާނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ކޯޓަކާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫންވެސް ހަނދު ސާބިތުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭންވާނެ ކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ 18 މާރޗުވާ ހޯމަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.

އެހެންކަމުން، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް، މާލޭގައިނަމަ ޑީޖޭއޭއަށް އަދި ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.   

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved