
މާލެސިޓީގައި ފިތުރު އީދު ނަމާދު ހަތަރު މައިދާނެއްގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާލެއާ ވިލިމާލެ އަދި ހުޅުމާލެ ދެ ފޭސް ގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ އެވެ. މާލޭގައި އޮންނާނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ވިލިމާލެ ބޯޅަ ދަނޑުގައެވެ. އަދި ފޭސް އެކެއްގައި ސިންތަޓިކް ޓްރެކް ގައި ބޮޑު ޖަމާއަތް އޮންނާނެ ކަމަށާ ފޭސް ދޭއްގައި މަސްޖިދު ޙަސަން އާދަމްއާ ނިރޮޅުމަގާއި ހީނާ ހިނގުމާއި ފޭރުގަސްމަގާ ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް އީދު ނަމާދު ކުރުން އޮންނާނެއިރު މާލޭގައި އިތުރު 15 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުން އޮންނާނެއެވެ.
ވިލިމާލޭގައި މަސްޖިދުއްސަލާމްގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާއިރު ހުޅުމާލެ ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ އާއި މަސްޖިދު ރަޝީދު އާއި މަސްޖިދު ޢަޒީޒާ މޫސާ އާއި މަސްޖިދު އަޞްދިޤާ އާއި މަސްޖިދުލްވާލިދައިނި ގައި ޢީދު ނަމާދު ކުރާނެ އެވެ. ފޭސް ދޭއްގައި އީދު ނަމާދު އޮންނާނީ މަސްޖިދުލް ޢީމާން އާއި މަސްޖިދު ޢުޘްމާން ބިން ޢައްފާން ގަ އެވެ.
އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ. އީދަށް ހަނދު ބެލުން އޮންނާނީ 18 މާރޗުވާ ބުދަ ދުވަހުގެ އިރުއޮއްސުމުންނެވެ.










