
މިއަދަކީ ބަރަކާތްތެރި ފިޠުރު ޢީދު ދުވަސްކަމަށްވުމާއެކު، މިއަދުގެ ޢީދު ޚުޠުބާގައި މުސްލިމް އުންމަތަށް ގޮވައިލީ މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަލާނގެ މަތިވެރިކަން ބަޔާންކޮށް ތަކުބީރުގެ އަޑު އުފުލުމަށެވެ.
މިއަދުގެ ޚުޠުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މާތް ﷲއަށް ތަޤުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަވަމުން، މުސްލިމުންގެ ގޮތުގައި މެނުވީ މަރުނުވުމަށާއި، އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ވަޞިއްޔަތް ކުރެއްވިއެވެ.
ޢީދުގެ މުނާސަބަތުގައި މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޚުޠުބާގައި ބާރުއެޅުއްވިއެވެ. އަދި ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވެ، އެކަކު އަނެކެއްގެ ޙައްޤުތައް އަދާކުރުމަށް ގޮވައިލެއްވިއެވެ. މިގޮތުން އެންމެ އިސްކަމެއް ދޭންޖެހޭނީ މާތް ﷲގެ ޙައްޤުތަކަށް ކަމަށާއި، އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް އިރުޝާދު ދެއްވިއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ، ޢީދަކީ ދީލަތިވުމުގެ ދުވަސް ކަމަށާއި، ފިތުރު ޒަކާތުގެ ސަބަބުން ފަޤީރުންނާއި މިސްކީނުންނަށްވެސް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ މަގު ފަހިވެގެންދާ ކަމަށެވެ. އަދި ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުތަކުގައި ހިފެހެއްޓުމަށާއި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކަންކަމަށް ޖާގަ ނުދިނުމަށް ހަނދާންކޮށްދެއްވިއެވެ.
ރަމަޟާން މަސް ނިމިދިޔަ ނަމަވެސް، އެ މަހުން ލިބިގަތް ތަރުބިއްޔަތުގެ ބޭނުންހިފާ، ނަމާދުތަކަށް ރައްކާތެރިވުމަށާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށްވެސް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. މީގެ އިތުރުން، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަކީ މުޅި މުޖުތަމަޢުގެ ވާޖިބެއްކަން ހަނދާންކޮށްދެއްވަމުން، ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަށްވެސް މިއަދުގެ ޢީދު ޚުޠުބާގައި ގޮވައިލެއްވިއެވެ.










