

ފިތުރު އީދުގެ މުނާސަބަތުގައި ޒީނަތްތެރިކުރުމަށް ހަރުކުރާ ލައިޓް ފޮނުވުމަށް، ލޯކަލް ގަވަމެންޓް މިނިސްޓްރީން އެކުލަވާލި ލިސްޓުގައި އދ. އޮމަދޫ ހިމެނުމަށްފަހު އުނިކުރި ކަމަށް ބުނެ، އެ ކައުންސިލުން ނުރުހުން ފާޅުކޮށްފިއެވެ.
އެކަމާއި ގުޅިގެން އޮމަދޫ ކައުންސިލުންވަނީ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރިފައެވެ.
އެ ބަޔާނުގައި ފިތުރު އީދުގެ މުނާސަބަތުގައި ދިއްލުމުގެ ނަމުގައި ރާއްޖެތެރޭގެ އެކި ރަށްތައް ދިއްލުމަށް ލައިޓް ފޮނުވަން ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ވެސް ހިމަނައި އެކަން ލޯކަލް ގަވަމެންޓް މިނިސްޓްރީން މިމަހުގެ ހަ ވަނަ ދުވަހު އަންގައިފައިވާ ފާހަގަކޮށްފައިވެއެވެ.
އަދި ކައުންސިލުން އެ ކަންކަމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށްވެ، އެ ތަކެތި ހަރުކުރާނެ ތަންތަން ކަނޑައަޅައި، އާންމުންގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށް އެ ބަޔާނުގައިވެއެވެ.
ނަމަވެސް ކުއްލި ގޮތަކަށް ހަވީރު ގަޑީ އެ ކައުންސިލަށް މިނިސްޓްރީން ފޮނުވި ސިޓީއެއްގައިވަނީ، ލައިޓް ފޮނުވާ ރަށްތަކުގެ ތެރޭގައި އެ ރަށް ހިމެނިފައިވަނީ އޮޅުމަކުން ކަމަށް މިނިސްޓްރީން މައުލޫމާތު ދިންކަމަށް ބުނެފައެވެ.
އަދި އެ ކައުންސިލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުރަވެވެނީ ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކުން ބާރުވެރިކަމުގެ އޮއިވަރުގައި ޖެހި ލައިޓުތައް ގެންދިޔުމަށް ކަނޑައެޅިފައިވާ ލިސްޓަށް ބަދަލު ގެނެސް، އޮމަދޫގެ ނަން ލިސްޓުން އުނިކޮށް އެހެން ރަށަކަށް އެ ލައިޓްތައް ބަދަލު ކުރިކަމަށް ގަބޫލު ކުރެވޭކަމަށް ބުނެފައެވެ.
މިއީ ދައުލަތުން އޮމަދޫގެ ރައްޔިތުން ލަދުގަންނަވާލުމަށް ހިންގި ކަމެއް ކަމަށް ދެކޭ ކަމަށާއި ރަށުގެ ބަނދަރުގެ މަސައްކަތް ވެސް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ ސިޔާސީ ގޮތުން ހުރި އެފަދަ ކެހިވެރި ރޭވުންތަކެއްގެ ސަބަބުން ކަމަށް އެ ކައުންސިލުން ތުހުމަތު ކޮށްފައިވެއެވެ.
އެހެންކަމުން އޮމަދޫ ކައުންސިލުންވަނީ ދައުލަތުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ގޮވާލާފައެވެ.