March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހޮރްމުޒް ކަނޑުއޮޅި ޖެހޭނީ ހުޅުވަން، ނޫނީ ބޮން އަޅާނަން: ޓްރަމްޕް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 15, 2026, 12:16 PM
މާލެ ސިޓީ

އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް، މުދާ އުފުލާ އުޅަނދުފަހަރަށް ހުރަސްއަޅަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެ ސަރަހައްދު ހުޅުވުމަށްޓަކައި އެމެރިކާއިން ވަރުގަދަ އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

Advertisement

ޓްރަމްޕް ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގު ހުޅުވުމަށްޓަކައި ބޭނުންވެއްޖެ ނަމަ އީރާންގެ އައްސޭރިފަށަށް ބޮން އަޅައިގެންވެސް އެކަން ކުރާނެ ކަމަށެވެ. ބޮން އަޅާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރުގައި އިތުރަށް ވިދާޅުވީ، ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އަސަރުކުރާ ގިނަ ގައުމުތަކަކުން އެމެރިކާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕް ދައުވާ ކުރެއްވި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އަސްކަރީ ގާބިލުކަމުގެ 100 އިންސައްތަ މިހާރުވެސް ނައްތާލާފައެވެ. ނަމަވެސް، ޑްރޯން، ކަނޑުގެ މައިން، ނުވަތަ ކުރު ރާސްތާގެ މިސައިލް ބޭނުންކޮށްގެން އީރާނުން އަދިވެސް އުޅަނދުފަހަރަށް ހަމަލާދީ، ދަތުރުފަތުރަށް ހުރަސްއެޅުމުގެ ފުރުސަތު އޮތްކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

މީގެ އިތުރުން، ގަލްފުގެ ތެލަށް ބަރޯސާވާ ބޮޑެތި އިގްތިސާދުތައް ކަމަށްވާ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތުން ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރުމަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ބާރުއެޅުއްވިއެވެ. އީރާނުން މަސައްކަތް ކުރަނީ މަސްނޫއީ ގޮތެއްގައި ދަތުރުފަތުރަށް ހުރަސްއެޅުމަށް ކަމަށް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ބައިނަލްއަގުވާމީ އަސްކަރީ އެއްބާރުލުމާއެކު އެ މަގު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށެވެ.

"އެ މަގުގެ ސަލާމަތްތެރިކަން ކަށަވަރުވަންދެން އެމެރިކާއިން އީރާނުގެ އައްސޭރިފަށަށް ބޮން އަޅަމުންދާނެ އަދި އީރާނުގެ ބޯޓުފަހަރާއި އުޅަނދުތަކަށް ހަމަލާދީ ފައްތާލާނެ،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ހުރްމޫޒް ކަނޑުއޮޅިއަކީ ހުޅުވިފައިވާ، ރައްކާތެރި އަދި މިނިވަން ތަނަކަށް އެމެރިކާއިން ހަދާނެ ކަމަށެވެ.

ހުރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު ސަރަހައްދެކެވެ. ދުނިޔޭގައި ކޮންމެ ދުވަހަކު ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލަނީ މި ހަނި ކަނޑުއޮޅި މެދުވެރިކޮށެވެ. އެހެންކަމުން މި މަގު ބަންދުވުމުން، ދުނިޔޭގެ ތެލުގެ ބާޒާރަށާއި ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެއެވެ.

ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް މިފަދަ ހަރުކަށި އަދި ބިރުވެރި އިންޒާރުތަކެއް ދެއްވަމުން ގެންދަވަނީ ހަނގުރާމައިގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އޭނާގެ މަގުބޫލުކަން ކުޑަވަމުންދާތީ، އާންމުންގެ ސަމާލުކަން ހޯދުމަށާއި ގޮތް ހުސްވެގެން އުޅޭކަން ފޮރުވުމަށްޓަކައި މިފަދަ ބަސްމަގު ބޭނުންކުރައްވަނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved