
ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތް އެދުމަށް ޖަރުމަނުވިލާތުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިންކާރުކޮށް، ޓްރަމްޕްގެ ނުފޫޒަށް ގޮންޖަހައިފިއެވެ.
ހޮރްމޫޒް ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުފަހަރަށް ހުރަހެއްނެތި ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް އެމެރިކާއިން އެދުނު އެދުމަށް ރައްދުދެމުން ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، މި ހަނގުރާމައާ ނޭޓޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިއީ ނޭޓޯގެ ހަނގުރާމައެއް ނޫން ކަމަށެވެ. މިއީ ނޭޓޯގެ މުސްތަޤްބަލް އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައި ޖަރުމަނުން ދިން ވަރުގަދަ ރައްދެކެވެ.
ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒްގެ ސަރުކާރުން ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި ހިންގާ އެއްވެސް ހަރަކާތެއްގައި އެ ޤައުމުން ބައިވެރިނުވާނެކަން އަނެއްކާވެސް ކަށަވަރުކޮށްދީފައެވެ. ސަރުކާރުގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ހަނގުރާމައިގެ ކުރިންވެސް އަދި މިހާރުވެސް އެފަދަ ކަމެއްގައި ބައިވެރިވުމަކީ ޖަރުމަނުން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށެވެ.
މިއަދު ހެނދުނު ބްރަސަލްސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޯހާން ވަޑެފުލް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގައި ނޭޓޯގެ މެންބަރު ޤައުމުތަކުން އަދާކުރަންޖެހޭ އެއްވެސް ދައުރެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ކަންކަން ނިންމުމުގެ ބާރު މިހާރު ކެނޑިފައިވާކަން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓޭނެ ނިޝާނެއް ނުފެންނާތީ، ޗާންސެލަރ މާޒް މިހާރު ވަނީ އެމެރިކާގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާން ފަށްޓަވާފައެވެ. އެގޮތުން، ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ލުއިދިނުމުން އެކަމަށް ފާޑުވިދާޅުވެ، ހަނގުރާމަ ނިންމުމަށް އެމެރިކާއިން ގެންގުޅޭ ރޭވުންތަކަކީ ކޮބައިކަން ސާފުނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޯނޭލިއަސް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިންވެސް އެމެރިކާއާއި އިސްރާއީލުން ވަނީ ވިލާތުގެ އެހީތެރިކަމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ބުނެފައި ކަމަށެވެ. އެހެންކަމުން މިހާރު ކުއްލިއަކަށް އެހީއަށް އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ހާމަވެއެވެ.
ޖަރުމަނުގެ ޗާންސެލަރ މިއަދުގެ ވަގުތެއްގައި ބާލިންގައި ނެދަލޭންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެންއާ ބައްދަލުކުރައްވާއިރު، ޓްރަމްޕްގެ އެދުންތަކަށް ފުރަގަސްދިނުމާ ގުޅޭގޮތުން އިތުރު ސުވާލުތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. މިއީ ވިލާތުގެ ޤައުމުތަކުގެ މައްޗަށް އެމެރިކާގެ ރައީސް ޓްރަމްޕް ހިންގަވަން އުޅުއްވި ބާރު ކެނޑި، ޤައުމުތަކުން އަމިއްލަ އިސްތިޤްލާލީ ނިންމުންތައް ނިންމަމުންދާ ކަމުގެ ހެއްކެކެވެ.










