
އަނިޔާވެރިކަމާއި ވަޒީފާގެ ބިރުދެއްކުން އެއްކޮށް ނައްތާލާނެ ކަމުގެ ފޮނި ވައުދުތަކަކާއެކު ވެރިކަމާ ހަވާލުވި ސަރުކާރުން، ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން މުވައްޒަފުންނަށް ދަތިކޮށް، އާއިލާތައް ރޫޅާލުމުގެ އަމަލުތަކެއް ފަށައިފިއެވެ.
މިގޮތުން، ގދ. ތިނަދޫ ވެމްކޯ ސައިޓުގައި ވަޒީފާ އަދާކުރަމުންދިޔަ ތިން މުވައްޒަފަކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓާއެކު ފޮޓޯއެއް ނެގި މައްސަލަ ހޫނުވެ، އެ މުވައްޒަފުންނަށް ވަނީ ހަރުކަށި ފިޔަވަޅު އަޅާފައެވެ.
ސަރުކާރު ހިންގާ ޕީއެންސީ ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދުކުރިކަން ހާމަވުމުން، އެކަން ހަޖަމުނުވެގެން އެ ތިން މުވައްޒަފުން މިހާރު ވަނީ އެމީހުންގެ އުފަން ރަށާއި، އަނބިދަރިންނާއި އާއިލާއާ އެތައް މޭލެއް ދުރަށް، ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް 6 މަސް ދުވަހުގެ މުއްދަތަށް ބަދަލުކޮށްފައެވެ.
މިއީ އިންތިޚާބާ ދިމާކޮށް، ވާދަވެރި ސިޔާސީ ފިކުރުގެ މީހުންނަށް ބިރުދެއްކުމަށާއި، ނުފޫޒު ފޯރުވުމަށް ގަސްތުގައި ދެމުންދާ އަނިޔާއެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ. ޚާއްޞަކޮށް، ރާއްޖޭގެ އެންމެ ދެކުނުން އެންމެ އުތުރަށް މި މުވައްޒަފުން ފޮނުވާލުމަކީ އެމީހުންގެ އާއިލީ ދިރިއުޅުމަށް ދިން ވަރަށް ބޮޑު ގެއްލުމެކެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ މިއީ "ދޮގުވެރި އަނިޔާވެރި" ވެރިކަމެއްގެ ސިފައެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިފަދަ ބާރުތައް ނެތިކޮށްދެއްވުމަށް އެދި ދުޢާކުރަމުންދާއިރު، ވަޒީފާގެ ބިރުވެރިކަން ނައްތާލާނެ ކަމަށް ރައީސް މުޢިއްޒު ވެވަޑައިގަތް ވައުދާ މިއަމަލު މުޅިން ޚިލާފުކަން ފާހަގަކުރެވެއެވެ.
އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މިފަދަ ސިޔާސީ ފިޔަވަޅުތައް އެޅުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޔާސީ މުހައްލިލުން ބުނެއެވެ.










