
ރިޔާސީ އިންތިޚާބުގައި ދެއްކެވި އޯގާތެރިކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއް ކަމަށާއި، މިއަދު ފެންނަނީ މުޅި ދައުލަތް 'ޖަހައިގަންނަން' ކެތްމަދުވެފައިވާ މަންޒަރު ކަމަށް ވިދާޅުވެ ޑރ. ޖަމީލް ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ސާޖިދާ ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައި ޑރ. ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މަކަރާއި ޙީލަތަކީ އެއްވެސް ހާލެއްގައި މޮޅުކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
އަދި ރައީސް މުޢިއްޒު "މަގުފުރެދުމުގައި" އަނބިކަނބަލުން ސާޖިދާގެ ދައުރު ވަރަށް ބޮޑު ކަމަށް ތުހުމަތުކުރައްވަމުން، ރިޔާސީ އިންތިޚާބު ދުވަސްވަރު ފެނިގެންދިޔަ ޝުކުރުވެރި ގޮތްތަކަކީ ހަމައެކަނި ދެއްކުންތެރިކަމެއްގެ ގޮތުގައި ޑރ. ޖަމީލް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ބާރުތައް ޖަހައިގަންނަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، ޕީއެންސީން ދެ އިންތިޚާބު އެއްކުރަން އުޅޭ އުޅުމާ ދެކޮޅަށް ބޮޑު "ނޫނެކޭ" ބުނަންޖެހޭ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއަދު ފެންނަމުންދަނީ ހުރިހާ ބާރެއް މުށުތެރެއަށްލާން ކެތްމަދުވެފައިވާ މަންޒަރެވެ.










