
ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތުން އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަސްމީކޮށް ބައިވެރިވުމަށްޓަކައި އެތެރޭގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ހޫޘީ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ އަސްކަރީ އަދި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުން އިތުރުކުރާނެ ކަމަށެވެ.
"އަހަރުމެން ރަތް ކަނޑުގައި އެމެރިކާގެ ބޯޓުތަކަށް ހަމަލާދޭނަން. މި ހަނގުރާމައަކީ މުޅި މުސްލިމް އުއްމަތުގެ ހައްގުގައި ކުރާ ހަނގުރާމައެއް،" އެ ޖަމިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
މި ނިންމުމަކީ ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމަށާއި އިރާނާއި ދެކޮޅަށް އެމެރިކާއިން ވާގިވެރިވާތީ، އެކަމާ ދެކޮޅަށް އަޅާ ފިޔަވަޅެއް ކަމަށް ހޫޘީން ބުނެއެވެ. މި ފަހަކަށް އައިސް ރަތް ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާއިން އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނަށް ގޮންޖަހައި، ހޫޘީން ދަނީ ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.
އެމެރިކާއާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާނުކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، މިއީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.










