
އެމެރިކާއާއި އިޒްރޭލަށް ސިއްސައިގެންދާ ފަދަ ވަރުގަދަ ރައްދު ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އީރާނުގެ އަސްކަރީ މަސްދަރަކުން ހާމަކޮށްފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމައިގެ މައިދާނުން ބޮޑެތި ބަދަލުތަކެއް ފެންނާނެ އައު އުކުޅުތަކެއް އީރާނުން ދައްކާލާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމައިގައި ގެންގުޅުއްވާ އަސްކަރީ ސްޓްރެޓެޖީތައް ނާކާމިޔާބުވަމުންދާކަން ފާހަގަކުރައްވައި، އެ މަސްދަރުން ބުނީ ޓްރަމްޕް މިހާރު މަސައްކަތް ކުރައްވަނީ ކުރިމަތިވެފައިވާ ހާލަތުން ސަލާމަތްވާނެ މަގެއް ހޯއްދެވުމަށް ކަމަށެވެ. އަދި އެމެރިކާގެ ދިފާއީ އަދި ހަމަލާދޭ ހަތިޔާރުތައް ހުރީ ވަރަށް ދަށް ހާލަތެއްގައިކަން އީރާނަށް އެނގޭ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރާ މަސައްކަތް ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް ނެތް ކަމަށްވެސް އީރާނުން ބުނެއެވެ.
އީރާނުގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ، ޓްރަމްޕަށް ހަތިޔާރުގެ ދަތިކަން ކުރިމަތިވުމުން މިހާރު ބޭނުންކުރައްވަނީ ހަމައެކަނި ބަހުގެ ހަމަލާތައް ކަމަށެވެ. އަދި ޓްރަމްޕް ވަމުންދާ ހުސް ވައުދުތަކާ ޚިލާފަށް، އީރާނުން ދައްކާލާނެ އައު އުކުޅުތަކުގެ ސަބަބުން ހަނގުރާމައިގެ ނަތީޖާ ކުރިއަށްވުރެ ސާފުވެގެންދާނެ ކަމަށްވެސް އެ ގައުމުން ބުނެއެވެ.
މީގެ އިތުރުން، ޓްރަމްޕަށް ދެން ޖެހިވަޑައިގަންނަވާނީ ފޯނާއި ސޯޝަލް މީޑިއާއާ ދުރަށްޖެހިވަޑައިގެން، އުޑުމައްޗަށާއި، ހިއްސާގެ ބާޒާރަށާއި، ތެލުގެ އަގާމެދު ސަމާލުވެލެއްވުމަށް ކަމަށް ބުނެ އީރާނުން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. މި މައުލޫމާތުތަކާއެކު، މެދުއިރުމަތީގެ މަސްރަހު ކުރިއަށް އޮތް ތަނުގައި އިތުރަށް ހޫނުވެގެންދާނެ ކަމަށް ބައިނަލްއަގުވާމީ މުހައްލިލުން ލަފާކުރެއެވެ.










