March 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުވައިތުން ނިއުކްލިއާ ރޭޑިއޭޝަނުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 25, 2026, 04:56 PM
މާލެ ސިޓީ

ކުވައިތުގެ މިނިސްޓްރީ އޮފް ޑިފެންސްއިން އެގައުމުގެ ރައްޔިތުންނަށް އަމާޒުކޮށް، ނިއުކްލިއާ ރޭޑިއޭޝަނުން ރައްކާތެރިވުމާ ބެހޭ ރަސްމީ ގައިޑްލައިނެއް ނެރެފިއެވެ. މި އިރުޝާދުތައް ނެރެފައިވަނީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވަމުން ދިޔުމާއި ގުޅިގެންނެވެ.

Advertisement

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ބިރުގަންނަން ނުޖެހޭނެ ކަމަށާއި، ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށެވެ. މިގޮތުން، ރޭޑިއޭޝަންގެ އަސަރު ހުރި ސަރަހައްދެއްގައިނަމަ ގެއިން ބޭރަށް ނުނިކުތުމަށާއި، ގޭގެ ހުރިހާ ކުޑަދޮރުތަކާއި ދޮރުފަތްތައް ރަނގަޅަށް ސީލްކޮށް ބަންދުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ކުވައިތަކީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ އެންމެ ބޮޑު މަރުކަޒުތައް ހުރި އެއް ގައުމެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ މި ގައިޑްލައިނަކީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުންނާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ނެރުނު އިރުޝާދުތަކެއް ކަމަށެވެ.

މި ގައިޑްލައިންގައި އިތުރަށް ބުނެފައިވަނީ، ރޭޑިއޭޝަންގެ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، ކާބޯތަކެއްޗާއި ފެން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ގައުމީ ފެންވަރުގައި މިފަދަ ކާރިސާތަކަށް ތައްޔާރުވުމުގެ މަސައްކަތްތައް ވަރުގަދަ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved