March 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުން އެމެރިކާގެ ހުށަހެޅުން ބޭރުކޮށްލައިފި: އެއްބަސްވުމާ ޚިލާފުވި ބަޔަކާ މަޝްވަރާއެއް ނެތް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 25, 2026, 07:50 PM
މާލެ ސިޓީ

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ. އީރާނުގެ ސަރުކާރުން ހާމަކުރި ގޮތުގައި، މީގެ ކުރިން ވެފައިވާ ބައިނަލްއަޤުވާމީ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފުވެފައިވާ ފަރާތަކާއެކު އެއްވެސް ބާވަތެއްގެ މަޝްވަރާއެއްގައި ބައިވެރިވުމުގެ ޝައުޤުވެރިކަމެއް އެޤައުމަކު ނެތެވެ.

Advertisement

އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއަކީ އިތުބާރު ހިފޭ ފަރާތެއް ނޫން ކަމަށާއި، މީގެ ކުރިން އީރާނާއެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ އެކަހެރިވުމަކީ އެމެރިކާގެ އިޚުލާޞްތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ. އަދި އެއްބަސްވުންތަކަށް އިޙުތިރާމް ނުކުރާ ބަޔަކާއެކު އަލުން މޭޒުދޮށަށް ދިއުމަކީ ވަގުތު ބޭކާރުކުރުން ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.

މި ނިންމުމާ ގުޅިގެން މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އިރާނާއި ދެކޮޅަށް އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާއިން ފާޅުގައި ވާގިވެރިވަމުންދާތީ، އެކަމަށް އޮތް ނުރުހުން ފާޅުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އީރާނުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ މެދުއިރުމަތީގެ މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލަކީ އިސްރާއީލުން ހިންގާ އުދުވާނުތައް ހުއްޓާލައި، މެދު އިރުމަތީގެ ގައުމުތަކުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުން ކަމަށެވެ.

އެމެރިކާއިން މި ހުށަހެޅުން ހުށަހެޅީ މިހާރު ކުރަމުންދާ ހަނގުރާމައިގައި އިރާން އެމެރިކާއިން ހީކުރި ވަރަށްވުރެ ވަރުގަދަވުމުންނެވެ. ނަމަވެސް އީރާނުގެ މި ހަރުކަށި ރައްދުގައި ބުނެފައިވަނީ، އެމެރިކާއިން ކުރިން ވެފައިވާ ވަޢުދުތަކަށް އިޙުތިރާމްކޮށް، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާނެ ކަމަށެވެ.

މި މައްސަލައިގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކަށް އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓާނުލާހާ ހިނދަކު، ސަރަޙައްދީ ހަމަޖެހުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved