
އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު އަލިރޭޒާ ޓަންގްސީރީ ޝަހީދުވެފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިއުލާނު ކުރައްވައިފިއެވެ.
މި ހަމަލާ ދީފައިވަނީ ސީދާ ޓަންގްސީރީ އަމާޒުކޮށްގެން ކަމަށް ރިޕޯޓުތައް ބުނާއިރު، މިއީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެގެން ދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ޓަންގްސީރީގެ ހާލަތާ ގުޅޭގޮތުން އީރާނުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަނގުރާމަ ފެށުނީއްސުރެ، އިސްރާއީލުން ދަނީ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމުގެ ނަމުގައި އެ ގައުމުގެ އިސްވެރިންނަށް އަމާޒުކޮށް ރަހުމުކުޑަ ހަމަލާތަކެއް ދެމުންނެވެ.
އަލިރޭޒާ ޓަންގްސީރީ އަކީ ހޮރްމޫޒް ކަނޑުއޮޅި އާއި ފާރިސީ ކަނޑުއޮޅީގައި އީރާނުގެ އަސްކަރީ ބާރު ދެއްކުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ގާބިލު ކޮމާންޑަރެކެވެ. އޭނާ ޝަހީދުކޮށްލުމަކީ އީރާނުގެ އަސްކަރިއްޔާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.








