
ސުންނީ މުސްލިމުންގެ ހައްގުގައި ވެސް ތެދުވީ އީރާނުންކަމަށްވުމުން އެ ގައުމަށް ހިފެހެއްޓުމެއް ނެތް ތާއިދު ކުރައްވާކަން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހާމަކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އަންނަ މަހު ބާއްވާ ރެފެރަންޑަމާއި ގުޅިގެން އެމަނިކުފާނުގެ ޕާޓީން އިސްނަގައިން. ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަޢީސް ޔާމީން ވިދާޅުވީ މުސްލިމުންނާ އެންމެ ދެކޮޅު ބަޔަކީ ސަހްޔޫނީންކަމަށެވެ. މުސްލިމުންގެ ތެރެއިން ވެސް ސުންނީ، ޝިއާއިންނޭ ކިޔައިގެން މިކުރާ ބަހުސްގެ ތެރެއަށް ނުވަންނާނެކަމަށް ފާހަގަ ކުރައްވާ ރައީސް ޔާމީން ވަނީ ކޮންމެ ގޮތެއްވެސް މުސްލިމުންގެ ހައްގުގައި ތެދުވަން ޖެހިލުންވެ ވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވަނީ އދ ގައި ރާއްޖޭގެ ފަރާތުން ސަލްމާ ދެއްކެވި ވާހަކައަށް އަލިއަޅުވާލާ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ.
"އަޅުގަނޑު މުޅި މައްސަލަ އެނގިގެނެއް ވެސް ނޫން، ސަލްމާގެ ދިފާއުގައިވެސް އެއްޗެއް ބުނަނީކީ ނޫން. އަޅުގަނޑަށް ސަލްމާ ދެއްކެވި ވާހަކަ ތަރުޖަމާ ކުރެވުނީ އެހެން ގޮތަކަށް... އަޅުގަނޑުމެން މި ވަންނަނީ އީރާނާ ސަހްޔޫނީންނާ ކުރާ ހަނގުރާމައިގެ ތެރެއަކަށް ނޫން" ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ އިރާނުން އަރަބި ގައުމުތަކަށް ހަމަލާ ދޭވާހަކަ ދައްކަވާއިރު ހަގީގަތަކީ އެއީ ނޫންކަމަށެވެ. އިރާނުން ހަމަލާ ދިނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން ގެއްލުންތަކެއްވި ނަމަވެސް މަގުސަދަކީ އަރަބި ގައުމުތަކަށް ހަމަލާދިނުން ނޫންކަމަށެވެ.
ސަހްޔޫނީންނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކީ މުސްލިމުންނާ އެއްކޮޅަށް ތެދުވާ މީހެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިރާނާއެކު ގަދަކޮށް ހުންނެވި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އިރާނަށް އެމެރިކާ-އިސްރޭލުން ދޭ ހަމަލާތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ދެއްްކެވި ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.










