March 28, 2026
Advertisement
Raees Yameen
Raees Yameen / ތޭރަ އޮންލައިން

ސުންނީ މުސްލިމުންގެ ހައްގުގައި މިފަހަރު ތެދުވެ އެއޮތީ އިރާން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 27, 2026, 11:43 PM
މާލެ ސިޓީ

މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމަވެރި އަމަލުތަކަށް އަލިއަޅުވާލައްވައި، މުޅި އިސްލާމީ އުންމަތާއި ސުންނީ މުސްލިމުންގެ ހައްގުގައިވެސް މިފަހަރު ތެދުވެ އޮތީ އިރާން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ޕީއެންއެފް (ޕީޕަލްސް ނޭޝަނަލް ފްރަންޓް) އިން ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ހިނގަމުންދާ ހަނގުރާމައިގައި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުވެސް ހުންނެވީ ސާބިތުކަމާއެކު އިރާނާ އެއްކޮޅަށް ކަން ހާމަކުރައްވަމުން ވިދާޅުވީ، މިއީ އެއްވެސް ވަރަކަށް ދެބަސްވެވޭނެ ނުވަތަ ބަހުސް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިން ދުވަހަކުވެސް ސަހްޔޫނީން ނުވަތަ ޒަޔަނިސްޓުންގެ ކޮޅު ނުނަގާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އިރާނާ ބެހޭގޮތުން ދެކެވޭ ދީނީ ތަފާތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސުންނީ ނުވަތަ ޝީއީ ބަހުސްގެ ތެރެއަށް މިވަގުތު ވަނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ އިސްލާމުންނާ އެންމެ ދެކޮޅު ބަޔަކީ ސަހްޔޫނީންކަން. އެމީހުންނާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކު އެ ތެދުވަނީ އިސްލާމުންނާ އެއްކޮޅަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މަސްރަހުން ފެންނަމުންދަނީ އެ ބުނާ ސުންނީ މުސްލިމުންގެ ހައްގުގައިވެސް އަމަލީ ގޮތުން ތެދުވެ، ސަހްޔޫނީންނާ ކުރިމަތިލަމުންދަނީ އިރާން ކަމެވެ. އެހެންކަމުން، މި ނުރައްކާތެރި ދަނޑިވަޅުގައި އިރާނަށް އޮތީ ހިފެހެއްޓުމެއް ނެތް ތާއީދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅުގައި، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި، ފަލަސްތީނާއި މުސްލިމުންގެ ދިފާއުގައި ތެދުވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved