May 11, 2026
Advertisement
Raees Yameen
Raees Yameen / ތޭރަ އޮންލައިން

ރާއްޖޭގައި މިއޮތީ ހުރިހާ ކަމެއް ހަތަރެސް ކަން ހަމަވެފައި: ރައީސް ޔާމީން

Aiminath Sarah
އައިމިނަތް ސާރާ
May 10, 2026, 10:42 PM
މާލެ ސިޓީ

ރާއްޖޭގައި މިއޮތީ ހުރިހާ ކަމެއް ހަތަރެސް ކަން ހަމަވެފައިކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. ރައީސް ޔާމީން ވިދާޅުވީ، މިއަދަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ކަމަށްވާއިރު ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އެންމެ ބޮޑަށް ހައްގުވަނީ ރައީސް މުއިއްޒަށް ކަމަށާއި، އެމަނިކުފާނު އުޅުއްވަނީ "ތުއްޕުޅު ކުއްޖެއް އުޅުއްވާ ހެން" ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ އާއިލީ މައްސަލައަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް އިޝާރާތް ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ އާއިލާގެ ލޯޔަރަކު ސުޕްރީމް ކޯޓަށް ދިޔަ އަޑު އިވުނުތާ ދެ ދުވަހެއްގެ ތެރޭގައި ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ނޫސްވެރިންނަށް ކޮންމެ ވާހަކައެއްވެސް ދެއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، މިއަދު ފެންނަނީ ނޫސްވެރިންގެ ފަހަތުން ދުވާ މަންޒަރު ކަމަށެވެ. "މިއީ މިނިވަން ޑިމޮކްރަސީ އޮތް ގައުމެއް، އެކަމަކު މިއަދު މި ދުވަނީ ނޫސްވެރިންގެ ފަހަތުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިޔާގެ މަގާމުގެ މަސްއޫލިއްޔަތާއި އަމިއްލަ ކަންކަން މިހާރު ވަނީ މަސްހުނިވެފައެވެ. ރައީސް މުއިއްޒުގެ ހިނގާފައިވާ ކަމަށް ބުނާ އަމިއްލަ ކަމެއްގެ ތުހުމަތުގެ މައްސަލަ ހިފައިގެން ދައުލަތުގެ ޕީޖީއަށް ނުދެވޭނެ ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ ދައުވާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދައުލަތުގެ މުއައްސަސާތައް ބޭނުންކުރަނީ އަމިއްލަ ކަންކަމަށް ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

ކްރިމިނަލް ކޯޓު އަމުރުގައި "ގަޒްފު" ގެ ވާހަކަ އޮތުމުން އެކަމަށް ފާޑުވިދާޅުވަމުން ރައިސް ޔާމީން ވިދާޅުވީ، ކޯޓުން ގޮތެއް ނުނިންމަނީސް އެ ލަފްޒު ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުގައިވެސް ހަގީގަތް ހޯދުމުގެ ބަދަލުގައި ސުވާލުކުރަނީ ވަކި ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މުއިއްޒުގެ ނަން ކިޔޭކަށް ނެތް، އެންމެ މަތިވެރި ކަމަނާ އާއިޝަތުގެފާނުގެ ނަމުގައި އިން އައިޝާވެސް ކިޔޭކަށް ނެތް، ސޯފާއެއްގެ ވާހަކަ ދެއްކޭކަށް ނެތް، ކިހިނެއްތޯ ރާއްޖޭގައި މީހުން އުޅެނީ މިވަރުން؟" ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަކީ ހުރިހާ ކަމެއް "ހަތަރެސް ކަން ހަމަވެފައި" އޮތް ހާލަތެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައީސް ޔާމީން ވަނީ ސަރުކާރުގެ މިފަދަ އަމަލުތަކަކީ ޑިމޮކްރަސީއާ ބީރައްޓެހި އަމަލުތަކެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved