March 28, 2026
Advertisement
Kash Patel
Kash Patel / ސޯޝަލް މީޑިއާ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލްގެ އީމެއިލް ހެކްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 27, 2026, 10:17 PM
މާލެ ސިޓީ

އީރާނުގެ ހެކަރުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ސައިބަ އެޓޭކެއްގައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑިރެކްޓަރު ކާޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އެކައުންޓް ހެކްކޮށްފި ކަމަށޤ ރިޕޯޓްކޮށްފިއެވެ.

Advertisement

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނެފައިވަނީ، އީމެއިލް އެކައުންޓަށް ވަދެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، ހެކަރުން އޮންލައިންކޮށް އާންމުކުރަމުންދާ ލިޔެކިޔުންތަކަކީ ސައްހަ އެއްޗެހި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، ހެކްކޮށްފައިވަނީ ޕަޓޭލްގެ އަމިއްލަ އީމެއިލް އެކައުންޓެކެވެ. މިއީ އެފްބީއައިގެ ރަސްމީ އަދި ސަލާމަތީ ގޮތުން ވަރުގަދަ ކުރެވިފައިވާ ނިޒާމެއް ނޫން ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި ހަމަލާގެ ޒިންމާ އީރާނާ ގުޅުން އޮންނަ ހެކަރުންގެ ގްރޫޕަކުން ވަނީ އުފުލާފައެވެ. އެ ގްރޫޕުން ވަނީ ޕަޓޭލްގެ އީމެއިލް އެކައުންޓުން ނަގާފައިވާ ކަމަށް ބުނާ ބައެއް ފޮޓޯތަކާއި ލިޔެކިޔުންތައް އާންމުކޮށްފައެވެ. އެހެންނަމަވެސް، މިހާތަނަށް ލީކުވެފައިވާ ގިނަ މައުލޫމާތުތަކަކީ ބޯދާ އަދި އަމިއްލަ ކަންކަމާ ގުޅޭ މައުލޫމާތުތަކެއް ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ސިއްރު މައުލޫމާތެއް ހާމަވެފައިވާކަން އަދި ކަށަވަރު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގުގެ ބޭނުމަކީ ހެކަރުންނަށް އަތުލައިގަނެވުނު މައުލޫމާތުގެ މިންވަރު ދެނެގަތުމާއި، މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ސަލާމަތީ ނުރައްކާތައް ވަޒަންކުރުމެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންނަށް އަމާޒުކޮށް މިފަދަ ސައިބަރ ހަމަލާތައް ދިނުމަކީ އެމެރިކާގެ ސަލާމަތީ އިދާރާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މި ހާދިސާއާއެކު، އޮފިޝަލުންގެ އަމިއްލަ މުއާމަލާތްތަކުގެ ރައްކާތެރިކަމާ މެދު ވަނީ އިތުރު ސުވާލުތަކެއް އުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved