
އިރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިރާން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން މިއަދު ފަތިހުގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އިރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޔުނިވާސިޓީގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް، މި ހާދިސާގައި މީހަކަށް އަނިޔާއެއް ވިކަމުގެ ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލީ މައުލޫމާތެއް އިރާން ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން އިރާނުގެ މުހިންމު މަތީ ތައުލީމީ މަރުކަޒަކަށް އަމާޒުކޮށް ދިން ދެވަނަ ހަމަލާއެވެ. މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ އިސްފަހާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއަށް ހަމަލާދީފައެވެ. ތައުލީމީ މަރުކަޒުތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ނަމަވެސް، މީގެ ކުރިން އިރާނުގެ ދެ ސްކޫލަކަށް ބޮން އަޅައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މަރާލާފައެވެ.
މި ހަނގުރާމައިގައި މިހާތަނަށް އިރާނުން 1500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން ވެސް ދަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އިޒްރޭލަށާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.










