March 29, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހޫތީން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 28, 2026, 07:18 PM
މާލެ ސިޓީ

ޔަމަނުގެ ހޫތީ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިޢުލާންކޮށް، އިސްރާއީލުގެ އަމާޒުތަކަށް ބެލިސްޓިކް މިސައިލް ފޮނުވާލައިފިއެވެ. މި ހަމަލާތައް ދީފައިވަނީ އިސްރާއީލުން އިރާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް އެއްމަސް ދުވަސް ފުރުމާއި ދިމާކޮށް، އިރާނަށް ތާއީދުކުރުމުގެ ގޮތުންނެވެ.

Advertisement

މި ކުރިމަތިލުންތަކާއެކު މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ބާބު އަލްމަންދަބް ކަނޑުއޮޅިއަށެވެ. މިއީ ރަތްކަނޑާއި އަރަބި ކަނޑު ގުޅުވައިދޭ، ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު އެއް މަގެވެ. ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކާ އިންވެގެން އޮންނަ މި ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ތަނެކެވެ.

އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، ހޫތީންގެ ހަމަލާތަކާ ގުޅިގެން ބާބު އަލްމަންދަބް ކަނޑުއޮޅި ބަންދުކުރަން ޖެހިއްޖެނަމަ ނުވަތަ އެ ސަރަހައްދުން ދަތުރުކުރުން ނުރައްކާތެރިވެއްޖެނަމަ، ދުނިޔޭގެ ބާޒާރަށް ދުވާލަކު ސަޕްލައިކުރާ ތެލުގެ ތެރެއިން ގާތްގަނޑަކަށް 6 މިލިއަން ފީފާގެ ތެޔޮ މަދުވެގެންދާނެއެވެ. މިއީ މުޅި ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލި، ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެކެވެ.

ހޫތީ ޖަމާއަތުގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލުން އިރަނަށް ދޭ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު، އިސްރާއީލަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާނެ ކަމަށެވެ. މި ނިންމުމާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ހަނގުރާމަ ފުޅާވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ބާބު އަލްމަންދަބް ކަނޑުއޮޅިއަކީ ޔަމަނާއި ޖިބޫތީއާ ދެމެދު އޮންނަ، އެންމެ ހަނި ސަރަހައްދުގައި އެންމެ 18 މޭލު ހުންނަ ކަނޑުއޮޅިއެކެވެ. މިއީ ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ސުއޭޒް ކެނަލްއަށް ދަތުރުކުރާ ހުރިހާ އުޅަނދުފަހަރެއް ކޮންމެހެންވެސް ހުރަސްކުރަންޖެހޭ މުހިންމު ކަނޑެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved