
އިއްޔެ ބޭއްވުނު ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ހޮވުމުގެ އިންތިޚާބުގައި، އިދިކޮޅު އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް، ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެމްޑީޕީން ވަނީ 70 ރަށެއްގެ ކައުންސިލް ރައީސްކަން ކާމިޔާބުކޮށްފައެވެ. ސަރުކާރު ހިންގާ ޕީއެންސީން ހުރިހާ ގޮނޑިއަކަށް ވާދަކުރި ނަމަވެސް، އެ ޕާޓީއަށް ވޯޓުން ކާމިޔާބު ކުރެވުނީ 58 ރަށެއްގެ ގޮނޑިއެވެ. އިންތިޚާބަކާ ނުލައި ޕީއެންސީއަށް ލިބިފައިވާ 12 ގޮނޑިއާއެކު އެ ޕާޓީއަށް ޖުމްލަ ލިބިފައިވަނީ 70 ގޮނޑިއެވެ. މި ނަތީޖާއާއެކު ކައުންސިލް ރައީސުންގެ މެޖޯރިޓީ ޕީއެންސީއަށް ވަނީ ގެއްލިފައެވެ.
މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން 25 ރަށެއްގެ ރައީސްކަން އަމިއްލަ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެމްޑީއޭއިން 3 ރަށެއްގެ ގޮނޑި (ކުޑަފަރި، ބަނޑިދޫ، ހުޅުދެލި) ކާމިޔާބުކުރިއިރު، ޖުމްހޫރީ ޕާޓީން އދ. މާމިގިލީގެ ރައީސްކަން އަދި ދަ ޑިމޮކްރެޓްސްއިން ވ. ތިނަދޫގެ ރައީސްކަން ވަނީ ހޯދާފައެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ތާއީދު ބޮޑު ހޯރަފުށި، އިހަވަންދޫ، ކެލާ، ހަނިމާދޫ، ހިންނަވަރު އަދި ގައްދޫ ފަދަ އާބާދީ ބޮޑު ރަށްތަކުގެ ގޮނޑިތައް ދަމަހައްޓާފައެވެ. ނަމަވެސް، އެމްޑީޕީގެ "ގަދަބާރުގެ" ގޮތުގައި ކުރިން އޮތް އުކުޅަސް، ރަސްދޫ އަދި މާފުށީގެ ގޮނޑި އެ ޕާޓީއަށް ވަނީ ގެއްލިފައެވެ.
ސަރުކާރު ހިންގާ ޕީއެންސީން ދިއްދޫ، ފުނަދޫ، އޭދަފުށި، ނައިފަރު އަދި ވިލިނގިލި ކާމިޔާބު ކުރި ނަމަވެސް، މުހިންމު ބައެއް ގޮނޑިތައް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މަހިބަދޫގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ އުފަން ރަށް، ގދ. ފަރެސްމާތޮޑާގެ ގޮނޑި ޕީއެންސީއަށް ގެއްލުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށްފަހު އަލަށް އުފެއްދި ހުޅުދޫ އަދި މީދޫ ކައުންސިލްގެ ރައީސްކަންވެސް ޕީއެންސީއަށް ކާމިޔާބެއް ނުކުރެވުނެވެ. ހުޅުދޫގެ ގޮނޑި އެމްޑީޕީން ހޯދިއިރު، މީދޫގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެކެވެ.
ކައުންސިލް ރައީސުންގެ އިތުރުން، ސިޓީއެއްގެ މޭޔަރުކަމުގެ ގޮނޑިއާއި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔޫޑީސީ) ގެ ރައީސްކަމުގެ ގޮނޑިތައްވެސް ޕީއެންސީއަށް ވަނީ ގެއްލިފައެވެ. މި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.










