
ލޯކަލް ކައުންސިލް އިންތިޚާބުގައި ދެވަނަ ބުރަކަށް ވޯޓުލާން ޖެހިފައިވާ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިންތިޚާބުގައި އެއްވަރުވުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބުތަކާހުރެ ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވަން ނިންމާ އެކަން އީސީ އިން އިއުލާންކުރީ އ.ތ.ކ އާ ރިފަރަންޑަމް ވޯޓުގެ ދާއިމީ ނަތީޖާ އާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފަހު އެކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދެވެ.
ޒާހިދު ވިދާޅުވި ގޮތުގައި، ލޯކަލް އިންތިޚާބުގެ، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖައްސާ މި އިންތިޚާބަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
ޒާހިދު ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު މުޅިން އިއުލާންކޮށް ނިމިފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް މިއަދު މެންދުރު 2:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އެހެންކަމުން މިއަދު އިއުލާން ކުރަން ފަށާ ރަސްމީ ނަތީޖާއާއެކު، ދެވަނަ ބުރަކަށްދާ ދާއިރާތަކާއި ކެންޑިޑޭޓުންގެ ތަފްސީލު ސާފުވެގެންދާނެއެވެ.
އިއުލާން ކުރަން ފަށާފައިވާ ރަސްމީ ނަތީޖާއާއެކު، ދެވަނަ ބުރަކަށްދާ ދާއިރާތަކުެގ ގޮތުގައި 5 ދާއިރާއެއް ރެކޯޑުކުރެވިފައިވެއެވެ. އޭގެ ތެރެގައި ހިމެނެނީ ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި އަދި ޑަބްލިއުޑީސީގެ ތިން ގޮނޑިއެވެ.
އީސީގެ ވެބްސައިޓުން ދައްކާ ގޮތުގައި އެ އިންތިހާބުތަކަކީ، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި، ފުވަމުއްލަކު ދަނޑިމަގު ދާއިރާ، ހއ. ކެލާ ޑަބްލިއުޑީސީ ރައީސް، ހދ. ނޭކުރެންދޫ ޑަބްލިއުޑީސީ މެންބަރުގެ އިތުރުން ލ. މާވަށް ޑަބްލިއުޑީސީ މެންބަރުގެ ގޮނޑީގެ އިންތިހާބެވެ.










