
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޝްވާން މަގާމުން އިސްތިއުފާ ދެއްވީ އޭނާ މުވައްޒަފުންތަކަކާ ޒުވާބުކުރާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވަނިކޮށެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުގެ ފަރާތުން އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އަންގާފައިވާ ކަމަށްވެސް އެނގިފައިވެއެވެ.
މުހައްމަދު ރިޝްވާނަކީ މިހާރުގެ ސަރުކާރުން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ދެވަނަ ބޭފުޅާއެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ 2025 ވަނ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ރިޝްވާނަކީ މީގެ ކުރިން ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމާއި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.




