
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާއަށް ބޭނުންވާ އެލްޕީޖީ ސަޕްލައި ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ ގައުމުގެ ތެޔޮ މިނިސްޓަރު ހަރުދީޕް ސިންގް ޕޫރީ ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ނިއުދިއްލީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓަރު ޕޫރީ ގަތަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި އޭޕްރީލް މަހުގެ 9 އިން 10 އަށެވެ. މި ދަތުރުފުޅަކީ އިންޑިއާއަށް ބޭނުންވާ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ހަކަތައިގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި ސަޕްލައިއަށް ހުރަސްއެޅޭ މައްސަލަތަކާ ގުޅޭގޮތުން ގަތަރުގެ އިސްވެރިންނާ މަޝްވަރާކުރެއްވުމެވެ. ގަތަރަކީ އިންޑިއާއަށް އެންމެ ގިނައިން އެލްޕީޖީ އަދި އެލްއެންޖީ ސަޕްލައިކޮށްދޭ އެއް ގައުމެވެ.
އިންޑިއާގެ އާބާދީ އިތުރުވަމުންދާ ވަރަކަށް ހަކަތައަށް އޮތް ބޭނުން ބޮޑުވަމުންދާއިރު، މި ދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މެދުކެނޑުމެއްނެތި ރައްކާތެރިކަމާއެކު ގޭސް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
އިރާނާއި ދެކޮޅަށް އެމެރިކާއާ އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ އާއެކު އިރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި އެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ އިރާނުގެ ރައީސަށް ގުޅާ އިންޑިއާގެ ތެޔޮ ޓޭންކަރުތައް ހުރަސްކުރުމުގެ ހުއްދަ ދިނުމަށް އެދި އާދޭސްވެސް ކޮށްފައެވެ.









