April 10, 2026
Advertisement
-
- / އަލްޖަޒީރާ

މިޔަންމާގެ ވަގުތީ ރައީސްކަމުގެ މަގާމާ ސިފައިންގެ ވެރިޔާ މިން އަންގް ހިލައިންގް ހަވާލުވެވަޑައިގެންފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 10, 2026, 12:16 PM
މާލެ ސިޓީ

މިޔަންމާގެ އަސްކަރީ ޖަންޓާގެ ވެރިޔާ ސީނިއާ ޖެނެރަލް މިން އަންގް ހްލައިންގް، އެ ގައުމުގެ ވަގުތީ ރައީސްކަމުގެ މަގާމުގެ ހުވާ ކުރައްވައިފިއެވެ. އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މި މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ.

Advertisement

މި ބަދަލު އައިސްފައިވަނީ ކުރިން ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި މިންތު ސުވެއި ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގަތުމާ ގުޅިގެންނެވެ. މިން އަންގް ހްލައިންގް އަކީ 2021 ވަނަ އަހަރު މިޔަންމާގެ އިންތިޚާބީ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، އެ ގައުމުގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކުރައްވަމުން ގެންދަވާ އިސް ވެރިޔާއެވެ.

މިޔަންމާގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ސިފައިން ކުރަމުންދާ ހަނގުރާމައިގައި އަސްކަރިއްޔާއަށް ދަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންނެވެ. ވަގުތީ ރައީސްކަމުގެ މަގާމާ ހްލައިންގް ހަވާލުވެވަޑައިގަތުމަކީ، ގައުމުގެ މައްޗަށް އޮތް ބާރުތައް އިތުރަށް ވަރުގަދަ ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މިން އަންގް ހްލައިންގް އަކީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގައި އިސްކޮށް ހުންނެވި ބޭފުޅެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ތުހުމަތުކުރާ ފަރާތެކެވެ. އޭނާގެ ވެރިކަމުގައި މިޔަންމާ ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ބޮޑު އެކަހެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ.

އޭނާ ރައީސްކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން، ޑިމޮކްރަސީއަށް ތާއީދުކުރާ ފަރާތްތަކުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ މިޔަންމާގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރުމަށް އޮތް ފުރުސަތުތައް އިތުރަށް ހަނިވެގެންދާނެ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved