
50 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ހަނދު ވަށައިގެން ދަތުރުކުރި ފުރަތަމަ މިޝަން، ނާސާގެ އާޓިމިސް 2 ގެ އެސްޓްރޮނޯޓުން ކާމިޔާބު ދަތުރަކަށްފަހު ރައްކާތެރިކަމާއެކު ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ.
މި މިޝަންގެ އޮރިއަން ޖައްވީ އުޅަނދު ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަރަށް ބާރު ސްޕީޑެއްގައި ވަނުމަށްފަހު، ކެލިފޯނިއާގެ އައްސޭރިފަށަށް ވެއްޓިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:07 ހާއިރުއެވެ. އުޅަނދު ކަނޑަށް ވެއްޓުމާއެކު، އެ ސަރަހައްދުގައި ތިބި ރިކަވަރީ ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ، ކެޕްސޫލް ރައްކާތެރިކޮށް ފަޅުވެރިން ބޯޓަށް ގެންގޮސްފައެވެ.
މި ތާރީޚީ ދަތުރުގައި ބައިވެރިވީ ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިސްމަން، ވިކްޓަރ ގްލޯވަރ، އަދި ކްރިސްޓީނާ ކޯޗްގެ އިތުރުން ކެނެޑާގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަން އެވެ.
އުޅަނދު ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަނުމުގެ ކުޑަވަގުތުކޮޅެއް ކުރިން، މިޝަން ކޮމާންޑަރު ވައިސްމަން ވަނީ ހަނދުގެ ހިތްގައިމު މަންޒަރުތައް ފެންނަމުންދާ ކަމަށް ބުނެ މިޝަން ކޮންޓްރޯލަށް މެސެޖެއް ފޮނުވާފައެވެ.
މި މެސެޖާ ގުޅިގެން ހުސްޓަންގައި ހުރި މިޝަން ކޮންޓްރޯލުން ވަނީ "އަދި އަހަރެމެން އެނބުރި އެތަނަށް ދާންޖެހޭނެ" ކަމަށް ބުނެ ޖަވާބު ދީފައެވެ.
އާޓިމިސް 2 އަކީ ކުރިއަށް އޮތް އަހަރުތަކުގައި އިންސާނުން އަލުން ހަނދަށް ފޭބުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.









