
ސްޓްރޭޓް އޮފް ހޮރްމުޒް ނުވަތަ ހޮރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ކޮންޓްރޯލާއި އިސްތިގުލާލު އޮވެގެން ނޫނީ އެމެރިކާއާ އެކު އެއްވެސް ބާވަތެއްގެ ސިޔާސީ ނުވަތަ އިގްތިސާދީ އެއްބަސްވުމެއް ބަލައިނުގަންނާނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ދާދިފަހުން އެމެރިކާއާއެކު އުފެދިފައިވާ މަސްރަހީ ނުތަނަވަސްކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި ހޮރްމުޒް ކަނޑުއޮޅިއަކީ އެ ގައުމުގެ ގައުމީ ސަލާމަތާއި އިގްތިސާދާ ގުޅިފައިވާ އެންމެ މުހިންމު ސަރަހައްދެވެ. އެހެންކަމުން، ބޭރުގެ އެއްވެސް ބާރަކުން އެ ސަރަހައްދުގެ ކަންކަމުގެ ތެރެއަށް އަތްބޭނުމަކީ އީރާނުން އެއްގޮތަކަށްވެސް ހުއްދަދޭނެ ކަމެއް ނޫންކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
މި ސަރަހައްދަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ، ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން އީރާނުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދޫދިނުމުގެ ބަދަލެއްގެ ގޮތުން، ކަނޑުއޮޅީގެ ބާރުތައް ދޫކޮށްލުމަކީ ކުރާނެ ކަމެއް ނޫނެވެ. އަދި އީރާނުގެ އިސްތިގުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް ޝަރުތެއް އެކުލެވޭ އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށްވެސް އެ ގައުމުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.
އީރާނުގެ މި ހަރުކަށި ނިންމުމާއެކު، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެދާނެ ކަމަށް ބައިނަލްއަގުވާމީ މުހައްލިލުން ލަފާކުރެއެވެ. ޚާއްސަކޮށް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެމެރިކާއިން ވާގިވެރިވަމުންދާ ދަނޑިވަޅެއްގައި، އީރާނުން މިފަދަ ނިންމުމެއް ނިންމުމަކީ އެމެރިކާއަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ބެލެވެއެވެ.
މި މައްސަލައިގައި އެމެރިކާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނަމުގައި އެމެރިކާގެ އަސްކަރީ މަނަވަރުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވެއެވެ. އީރާނުން ބުނަމުންދަނީ އެ ސަރަހައްދުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމަށާއި، ބޭރުގެ ބާރުތަކުން އެ ސަރަހައްދުން ފޭބުމަށް ގޮވާލާފައެވެ.









