April 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ އިންޒާރާއެކު އެމެރިކާގެ މަނަވަރެއް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 11, 2026, 07:24 PM
މާލެ ސިޓީ

ޔޫއޭއީން ފުރައިގެން ހޮރްމޫޒް ކަނޑުއޮޅިއާ ދިމާއަށް ދަތުރުކުރި އެމެރިކާގެ ކަނޑުގެ ސިފައިންގެ ޑިސްޓްރޯޔަރެއް، އީރާނުން ދިން ވަރުގަދަ އިންޒާރަކާ ގުޅިގެން ދަތުރު ހުއްޓާލަން މަޖުބޫރުވެއްޖެ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Advertisement

އީރާނުގެ ފާރސް ނިއުސް އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި މަނަވަރު ޔޫއޭއީން ފުރައިގެން ހޮރްމޫޒް ކަނޑުއޮޅިން ނުކުތުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އީރާނުގެ ސިފައިން ވަނީ އެ މަނަވަރަށް ހުރަސްއަޅާފައެވެ. އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަނީ އެމެރިކާގެ މަނަވަރަށް ވަރަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން، އެ މަނަވަރު އިތުރަށް ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފިނަމަ، ކުރިއަށް އޮތް 30 މިނެޓުގެ ތެރޭގައި އެ މަނަވަރަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އީރާނުން ބުނެފައިވަނީ، އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އީރާނުގެ ސިފައިންގެ ފަރާތުން ދިން މި ވަރުގަދަ އިންޒާރާއި، އެ ސަރަހައްދުގައި އީރާނުގެ އަސްކަރީ ބާރު ދައްކާލުމުގެ ސަބަބުން، އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ އެ މަނަވަރު ވަގުތުން ހުއްޓާލުމަށް  އަމުރުކޮށްފައެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާއިރު، މި ސަރަހައްދުގައި އީރާނާއި އެމެރިކާގެ އަސްކަރީ ބާރުތަކުގެ މެދުގައި ދޭތެރެ ދޭތެރެއިން މިފަދަ ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ހިނގަމުންދެއެވެ. ނަމަވެސް، އީރާނުން މިފަހަރު ދީފައިވަނީ ސީދާ ހަމަލާދޭނެ ކަމުގެ އިންޒާރެއް ކަމަށްވާތީ، މަސްރަހު މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ނުތަނަވަސްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved