
ޕާކިސްތާނުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދައްކަންޖެހޭ 3.5 ބިލިއަން އެމެރިކާ ޑޮލަރު ވަގުތުން ދެއްކުމަށް ޔޫއޭއީގެ ސަރުކާރުން އަންގައިފިއެވެ.
މި ދަނޑިވަޅުގައި ސައުދީ އަރަބިއްޔާއިން ވަނީ މި ފައިސާ ދެއްކުމުގެ ޒިންމާ ނަގައި، ޕާކިސްތާނަށް ބޮޑު އެހީއެއް ދިނުމަށް ނިންމާފައެވެ.
މި މައްސަލައިގެ ތެރެއަށް އަވަށްޓެރި އިންޑިއާގެ ނުފޫޒު ވަދެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ތުހުމަތު ކުރެއެވެ. ޚާއްޞަކޮށް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު ދާދި ފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށް ފަހު، މިފަދަ ނިންމުމެއް ޔޫއޭއީއިން ނިންމުމަކީ އިންޑިއާގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ސިޔާސީ ދާއިރާގެ މުހައްލިލުން ދެކެއެވެ. ބެލެވޭ ގޮތުގައި މިއީ އިންޑިއާއިން ޑިޕްލޮމެޓިކް މައިދާނުގައި ޕާކިސްތާނަށް ޕްރެޝަރު ކުރުމަށް ކުރި މަސައްކަތެއްގެ ނަތީޖާއެވެ.
ޕާކިސްތާނަށް ކުރިމަތިވި މި ކުއްލި މާލީ ތާށިކަމުން ސަލާމަތް ކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން ވަނީ ޖުމްލަ 5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ފާސްކޮށްފައެވެ. މި އެހީގެ ދަށުން، ޔޫއޭއީއަށް ދައްކަންޖެހޭ 3.5 ބިލިއަން ޑޮލަރު ސައުދީން ދައްކައިދޭނެއެވެ. އަދި ބާކީ އޮތް 1.5 ބިލިއަން ޑޮލަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ގައުމުގެ އިގްތިސާދު ހަމަޖެއްސުމަށެވެ.
ސައުދީ އަރަބިއްޔާގެ މި ނިންމުމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހުގައި، ޕާކިސްތާނުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގެ މާލީ ބާޒާރަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.









