
ޖޫން ހައެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. މިގޮތުން ޝަކުވާ ހުށަހަޅާނީ އެ ކޮމިޝަނުގެ އީމެއިލް އެޑްރެސް އަށެވެ.
ވޯޓުނަގާ ދުވަހު އަމަލުކުރާނެ އުސޫލުތަކަށް ބަލާއިރު، ޖޫން 06 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ. ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން އެވަގުތު މައްސަލަ ޙައްލުކުރުމަށްޓަކައި، ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތުވެސް އެ ދުވަހު އޮންނާނެއެވެ.ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.
މި ބައި-އިލެކްޝަނަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް އައު މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.



