ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް. / އޭއެފްޕީ
ދުނިޔެ
ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ފާހެއް ނުވި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޑިސެމްބަރު 2024
މާލެ ސިޓީ

ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ވަކިކުރުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން އޭނާ ސަލާމަތްވެވަޑައިގެންފި އެވެ.

ރައީސް ޔޫން މަގާމުން ދުރުކުރަން އިދިކޮޅަށް ފުރުސަތު ލިބުނީ، ގާނޫނާ ހިލާފަށް ގައުމުގައި އަސްކަރީ ގާނޫން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

ނަމަވެސް ގާނޫނު ހަދާ މަޖިލިސް ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ނުދީ މެންބަރުން އެތަނަށް ވަދެގަނެ، ރައީސްގެ ގަރާރު ބާތިލްކުރުމަށް ވޯޓު ދިނުމަށް ހަމަ އެ ރޭ ކުއްލި ނުރައްކާ އުވާލި އެވެ.

އަދި އަސްކަރީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ މައްސަލައިގައި ރައީސް ޔޫން މައާފަށް ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެ ކަމަށް އިޝާރާތް ކުރެއްވި އެވެ.

ރައީސް ޔޫންއާ ދެކޮޅަށް މަޖިލީހުގައި ނަގަން އޮތް ވޯޓުގައި -- އޭނާ މަގާމުން ދުރުކުރުމަށް 200 މެމްބަރުން ވޯޓުދޭން ޖެހެ އެވެ.

ދެކުނު ކޮރެއާގެ އާންމު މަޖިލީސް ނުވަތަ ނޭޝަނަލް އެސްމްބްލީގައި ހިމެނެނީ 300 ގޮނޑި އެވެ. ސަރުކާރު ހިންގާ ޕީޕަލްސް ޕަވާ ޕާޓީއަށް 108 ގޮނޑި އަދި އިދިކޮޅު ޕާޓީތަކަށް 192 ގޮނޑި އެވެ. އަޣުލަބިއްޔަތަކީ ތިންބައިކުޅަ ދެބަ އެވެ. އެއީ 200 ގޮނޑި އެވެ.

ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީޕީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ވަކި ހިސާބަކުން ތަޅުން ދޫކުރައްވައި ގޮސްފަ އެވެ. ވޯޓު ނަގަން 200 ވޯޓު ބޭނުންވި ނަމަވެސް ވޯޓުގައި ބައިވެރިވެފައިވަނީ އެންމެ 195 މެންބަރުންނެވެ.

އެއީ ޔޫންގެ ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ހިމަނައިގެންނެވެ. އެހެންކަމުން ޔޫންގެ އިތުބާރު ނެތްކަމުގެ ހުށަހެޅުންވަނީ ބާތިލު ކޮށްފަ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ތަޅުމުގައި ހިނގަމުންދާ ކަންކަން މުޅި ދުނިޔެއިން ބަލަލުންދާ ކަމަށާއި ވޯޓު ގުނޭ ވަރަށް ވޯޓުގައި މެންބަރުން ބައިވެރިވެފައި ނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

ޖުމްލަ 195 ވޯޓާ އެކު، ވޯޓު ދިން މެންބަރުންގެ އަދަދު ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަށް ނާދެވުނު. އެހެންވީމާ، އަޅުގަނޑު މި އިއުލާނު ކުރަނީ މިކަމުގައި ނަގާ ވޯޓަކީ ސައްހަ ވޯޓެއް ނޫން ކަމަށް

- ނޭޝަނަލް އެސެމްބްލީގެ ރައީސް ވޫ ވޮން-ޝިކް ވިދާޅުވި އެވެ.

މަދަނީ ވެރިކަން ވަގުތީ ގޮތުން ހުއްޓުމަކަށް ގެންދަނީ ހަތުރުވެރި އުތުރު ކޮރެއާގެ ކޮމިއުނިސްޓް ބާރުތަކުގެ ނުރައްކަލުން ދެކުނު ކޮރެއާ ސަލާމަތްކުރުމަށާއި ރައްޔިތުންގެ މިނިވަންކަމާއި އުފާވެރިކަމާއި ދައުލަތާ ދެކޮޅު ފަރާތްތަކުގެ ކިބައިން ރައްޔިތުން ހިމާޔަތްކުރުމަށް ކަމަށް ޔޫން އަންނަނީ ވިދާޅުވަމުން ނެވެ.

ނަމަވެސް އިދިކޮޅުން ރައީސްގެ މިވާހަކަތައް ގަބޫލެއް ނުކުރެ އެވެ. އެމީހުން ބުނަނީ ރައީސްގެ ނިންމެވުމުގައި އޮތީ ސިޔާސީ ބޭނުމެވެ. ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) އަށް އަޣުލަބިއްޔަތު ލިބުމާ އެކު މި އަހަރުގެ ކުރީކޮޅުން ފެށިގެން ޔޫންގެ ބާރެއް ނެތެވެ.

އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ބުނީ ޔޫންގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ތަޅުމަށް ވައްދާނެ ކަމަށެވެ. އެ ޕާޓީން ބުނީ އެ މަސައްކަތް ދެން ކުރިއަށް ގެންދާނީ މި ފަހަރަށް ވުރެ ރޭވުންތެރިކޮށް ތަރުތީބުކޮށް ޒިންމާދާރުކަމާއެކުގައި ކަމަށެވެ.

ޔޫންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވައިފި ނަމަ ނުވަތަ މަގާމުން ދުރުކޮށްފި ނަމަ 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބާއްވަންޖެހޭނެކަމަށް ދެކުނު ކޮރެޔާގެ ގާނޫނު އަސާސީ ޝަރުތުކުރެ އެވެ.

ދެކުނު ކޮރެއާގެ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ ކޮންމެ ވަގުތަކު ޔޫން އިސްތިއުފާ ދެއްވަފާނެ ކަމަށެވެ. ސަބަބަކީ ރައީސް އާއި ރައްޔިތުންގެ ގުޅުން ކެނޑި އިތުބާރު ގެއްލިފައި ވުމެވެ.

އިއްޔެ ވެސް ގާނޫނު ހަދާ މަޖިލިސް ދޮށުގައި ދޮޅު ލައްކައަށްވުރެ ގިނަ މީހުން އެއްވެ ރައީސް ޔޫންގެ އިސްތިއުފާ އަށް ގޮވަމުން ދިޔަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved