
އެޕްރިލް 4 ވަނަ ދުވަހު ނެގި ރިފަރަންޑަމް ވޯޓުން ސަރުކާރަށް ނާކާމިޔާބުވީ ކެމްޕެއިން ޓީމުތަކުގެ ނާގާބިލުކަމުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވުމުން، ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިންގެ ވަރުގަދަ ރައްދެއް އަމާޒުކުރައްވައިފިއެވެ.
ރައީސް މުއިއްޒު އއ ރަސްދޫގައި ހުންނަވާ ޕީއެންސީގެ ކެމްެޕެއިން ޓީމުތައް ކުށްވެރިކޮށް ދެއްކެވި ވާހަކަތައް ރައްދު ދެއްވާ އަލީ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އަލީގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ދެ އިންތިޚާބު އެއްކުރުމުގެ ވޯޓުން ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަންގަވަން ޖެހޭނީ ސީދާ ރައީސް މުއިއްޒު ކަމަށެވެ. އަދި ޒިންމާއިން ބަރީއަވާން މަސައްކަތް ކުރެއްވުމަކީ ރީތި ގޮތެއް ނޫން ކަމަށްވެސް އަލީ ފާހަގަކުރެއްވިއެވެ.
ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ޒިންމާދާރުކަމުގެ ހުނަރަށް ނަޒަރު ހިންގަވާ ލައްވަމުން އަލީ ވިދާޅުވެފައިވަނީ، ހަނގުރާމަޔަކުން ބަލިވުމުން އޭގެ ޒިންމާ ނަގަން ޖެހޭނީ ސީދާ އެލަޝްކަރުގެ ކޮމާންޑަރު ކަމަށެވެ.
އަލީ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރެފަރަންޑަމްގައި ރައްޔިތުން އާނ އެކޭ ނުބުނީ އެކަމުގައި ހުރި ފައިދާގެ ވާހަކަ ޕީއެންސީގެ ކެމްޕެއިން ޓީމުތަަކަށް އެންމެ ފުރިހަމައަށް ރައްޔިތުންނާ ހަަމައަށް ގެންގޮސްދެވިފައިވާ ނުވާތީ ކަމަށެވެ.










