
މަސްތުވާތަކެތީގެ ވަބާއިން މުޅި މުޖުތަމައު ރައްކާތެރިކޮށް މުޖުތަމައު އެކަމުން ސަލާމަތް ކުރުމަށް، އެކަމުގެ ފަރުވާއަށް ފޮނުވާ މީހުން ޚިޔާރު ކުރުމުގެ ތަރުތީބު އަލުން މުޠާލިއާކޮށް އިސްކަންދޭ ތަރުތީބު ބަދަލުކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިފަދައިން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ވަށާޖެހޭ ފުރިހަމަ ޚިދުމަތްތަކާއެކު މިއަހަރުގެ ފަހުކޮޅު މުޅިން އައު ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ، މައްސަލައާ ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާ، މިއީ ޤައުމުގެ މުސްތަޤްބަލާއި ޒުވާނުންގެ ހިމާޔަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.
އެވާހަކަތަކަށް އަލި އަޅުވާލައްވާ އަލީ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެކަންކަން އަވަސް ކުރައްވަން ގޮވާލައްވާ ކަމަށާ މިހާރުވެސް އެފަދަ ކަމަކަށް މާ ބޮޑަށް ލަސްވެއްޖެ ކަމަށެވެ. ނަމަވެސް ފަރުވާއަށް މީހުން ޚިޔާރު ކުރެއްވުމުގެ އިސްކަން ދެއްވާ ތަރުތީބު އަލުން މުޠާލިޔާ ކުރުން މުހިއްމު ކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.










