
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގައި ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން، އެ ސަރަހައްދުގައި ހުރި "އެލް ސޯފާ" އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ މި ސޯފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ އައިޝަތު ހަފީޒާ، އެ ސޯފާގެ ފޮޓޯއެއް ނަގައި ފުލުހުންނަށް ފޮނުވުމާ ގުޅިގެންނެވެ.
މި ފޮޓޯ ފޮނުވިތާ މާގިނަ އިރުތަކެއް ނުވެ، ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ އެ ސޯފާ "ހައްޔަރުކޮށްގެން" ގެންގޮސްފައެވެ.
މީގެ އިތުރުން، ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ޕީއެންއެފްގެ މުޒާހަރާތަކުގައި ބޭނުންކުރާ ޕިކަޕް ވެސް ޓޯކޮށްފައެވެ. މިއީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ސިފަކުރެއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ފުލުހުންގެ ބާރު ބޭނުންކޮށްގެން ސުލްހަވެރި މުޒާހަރާތައް ހަލަބޮލިކޮށް، ބައިވެރިންނަށް އެކި ގޮތްގޮތުން އުނދަގޫ ކުރަމުންނެވެ. ވަކިން ހާއްސަކޮށް، މުޒާހަރާގައި ބޭނުންކުރި އެލް ސޯފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ، ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދެކެވެމުންދާ "އެލް ސޯފާ" ގެ ވާހަކަތަކަކީ ހަގީގަތެއްކަން ހާމަވާ ކަމެއް ކަމަށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުން ކިތަންމެ ބާރެއް ބޭނުން ކުރި ނަމަވެސް އެމީހުންގެ އިހުތިޖާޖުތައް ހުއްޓާނުލާނޭ ކަމަށެވެ.










