
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު މިލާ މޯޅިވެއްޖެ ކަމަށް ވިދާޅުވެ މިއަދުގެ ސަރުކާރުގެ ހާލަތަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ މަޖާޒީ ފާޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ގައުމުގެ ވެރިކަން ރައީސް މުއިއްޒަށް ނުކެރެވުނު ކަމަށާ އެމަނިކުފާނު ފެއިލވެފައިވާ ކަމަށެވެ. ރައްޔިތުންގެ އިތުބާރު ރައީސް މުއިއްޒަށް ގެއްލި މިހާރު ރައްޔިތުން އެމަނިކުފާނު ދައްކާ އެއްވެސް ބަހަނާއެއް، ވާހަކައެއް އަޑު އަހަން ބޭނުން ނުވާ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިހާރު ރައްޔިތުންގެ ވިންދަކީ އާދޭހަކީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ ވަޑައިގެންނެވުން ކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ، މިއީ އޮފްކަން ކެނޑި މިލާ މޯޅިވެފައިވާ ސަރުކާރެއް ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު މި ފަހުން ނެގި ރެފަރަންޑަމް ވޯޓުގައި ވެސް 68 އިން ސައްތަ ރައްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފައިކަން ފާހަގަކޮށްލެވެއެވެ.










