April 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ މުސްލިމުންނަށް އުފާވެރި ޚަބަރެއް، މޯދީއަށް މަޖިލީހުގައި ބޮޑު ބައްޔަކާއި ކުރިމަތިލާން ޖެހިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 20, 2026, 06:31 PM
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހުށަހެޅި މުހިންމު ބިލަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބި ފޭލްވުމާ ގުޅިގެން، އެގައުމުގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. މިއީ މޯދީގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިމަތިވި ވަރުގަދަ ގޮންޖެހުމެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ.

Advertisement

އަންހެނުންގެ ރިޒާވޭޝަނާ ގުޅޭ ގޮތުން ހުށަހެޅި މި ބިލަށް ވޯޓަށް އެހުމުން ލިބިފައިވަނީ ތާއީދުކުރާ 298 ވޯޓެވެ. ނަމަވެސް ބިލް ފާސްކުރުމަށް ބޭނުންވާ 352 ވޯޓު ހަމަނުވުމުގެ ސަބަބުން ބިލް ވަނީ ބޭރުވެފައެވެ. މި ބިލާ ދެކޮޅަށް 230 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

މި ނަތީޖާއާއެކު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، މިއީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީގެ އިއްތިހާދަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. މިއީ މޯދީގެ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް މަޖިލީހުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިފަދަ މުހިންމު ބިލެއް ފާސްނުވުމަކީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ހާމަވެގެންދިޔަ ކަމެކެވެ. އަދި ސިޔާސީ ޑައިނަމިކްސް ބަދަލުވެ، ގާނޫނު ހަދާ މަޖިލީހުގެ މައްޗަށް މޯދީ ބާއްވަމުން އައި ވަރުގަދަ ކޮންޓްރޯލް މިހާރު ގެއްލެމުންދާ ކަމަށްވެސް އިދިކޮޅު ލީޑަރުން ވިދާޅުވެއެވެ.

މި ނާކާމިޔާބީއަކީ އިންޑިއާގެ މުސްލިމުންނާއި އެހެނިހެން މައިނޯރިޓީ ގްރޫޕްތަކަށް ލިބުނު އުފާވެރި ޚަބަރެއްގެ ގޮތުގައި ބެލެވެނީ، މޯދީގެ ބާރުތައް ކުޑަވެ، މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާން ފެށުމުންނެވެ. މިއީ ކުރިއަށް އޮތް ތަނުގައި އިންޑިއާގެ ސިޔާސީ މަސްރަހު ބަދަލުވެގެންދާނެ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved