
ނޭޝަނަލް ބްލަޑް ސާވިސަސްގެ މުޅި ޓޮޕް މެނޭޖްމަންޓުން މަގާމުން ވަކިވާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދޅާުވެފައިވަނީ، މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ އައިސް އަލަމާރިއަކަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން، އޭގައި ހުރި ލޭ ޕެކެޓުތަކެއް ހަލާކުވެ، އޭގެ ތެރެއިން ބައެއް ލޭ ތިން ކުއްޖެއްގެ ގަޔަށް އެޅިފައިވާ މައްސަލަައިގައި ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފިރާގު ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ނޭޝަނަލް ބްލަޑް ސާވިސަސްގެ މުޅި ޓޮޕް މެނޭޖްމަންޓުން މަގާމުން ވަކިވާން ޖެހޭނެއެވެ
އެހެން ވިދާޅުވަނީ ޒާތީ ތައައްސުބެއްގެ ތެރެއިން ނޫން ކަމަށާއީ އެއީ ޖަވާބުދާރީވުމާ ބެހޭ ކަމެއްގެ ގޮތުގައި ކަމަށް ވެސް ފިރާގު ވިދާޅުވެފައިވެއެވެ. އެގޮތުން ލޭއަޅާ ބަލިމީހުންގެ ބެލެނިވެރިންގެ ގޮތުގައި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ތަކުރާރުކޮށް މައްސަލަތައް ފެނިފައިވާކަން ފާހަަގަކޮށް ފިރާގު ވަނީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
އެއީ ޤާބިލުކަމާއި ޒިންމާއާ ބެހޭ ގޮތުން ބިދާޅުވާ ބަހެއް ކަން ފާހަގަކުރައްވާ ފިރާގު އިތުރަށް ވިދާޅުވެފައިވަނީ އިކުއިޕްމަންޓް ފުރިހަމައަށް ނުހިނގާ ވަގުތުތަކުގައި މައްސަލަ ފޮރުވުމުގެ ބަދަލުގައި އަވަސް އަދި ހާމަކަން ބޮޑު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ރާއްޖެ އަކީ އާބާދީ މަދު ގައުމެއްކަމަށާ އެންމެން އެކަކު އަނެކަކު ދަންނަ ގައުމެއް ކަމުން އިތުބާރާއި ހާމަކަން ބޮޑުކަމާއި ޒިންމާދާރުކަން އިތުރަށް މުހިންމުވެގެންދާކަމަށްވެސް ފިރާގު ވިދާޅުވެފައިވެއެވެ. އެހެންކަމުން މިފަދަ ހާދިސާތައް އެކަހެރިކޮށް ނުހުންނާނެ ކަމަށާ އެއީ މުޅި ގައުމުގައި އާންމުންގެ އިތުބާރަށް އަސަރުކުރާނެ ކަމެއްކަމަށް ވެސް ފިރާގު ފާހަގަކުރެއްވިއެވެ.
މީހުން އެންމެ މުހިންމު ވަގުތުތަކުގައި މި ހިދުމަތްތަކަށް ބަރޯސާވެ، ސަލާމަތާއި މިންގަނޑުތަކަށް އެއްވެސް ކޮމްޕްރޮމައިޒް ނުވެވޭނެ ކަމަށް ވިދާޅުވެ ފިރާގު ވަނީ މިހާރު ބޭނުންވަނީ ސާފު ޖަވާބުދާރީވުމާއި، ހަރުދަނާ ނިޒާމުތަކާއި، އިތުބާރު އަލުން ހޯދައިދެވޭނެ ލީޑަރޝިޕެއް ކަމަށް ވެސް ވިދާޅުވެފައެވެ.
މިކަން އަލުން ތަކުރާރު ނުވާނެ ކަމާއި، ކޮންމެ ބަލިމީހަކަށްވެސް އެންމެ މަތީ ފެންވަރުގެ ފަރުވާއާއި އިތުބާރު ދެމެހެއްޓޭނެކަން ކަށަވަރުކުރަންޖެހޭކަން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ފިރާގު މިފަދައިން ވިދާޅުވެފައިވާއިރު ތިން ކުއްޖެއްގެ ގަޔަށް ކުނިވެފައި ހުރި ލޭ އެޅުނު މައްސަލައިގައި އެމްބީއެސްގެ ޑިރެކްޓަރ ޖެނެރަލް އަހުމީމް ފާރިޝް ވިދާޅުވީ، ފްރިޖަށް މައްސަލަ ދިމާވި ރޭ އޭގައި ހުރި ލޭ ޕެކެޓުތައް އެހެން ފްރިޖަކަށް ބަދަލުކޮށް، އާ ލޭ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ. ނަމަވެސް، ޖެހިގެން އައި ދުވަހު ލޭ އަޅަން ދިޔަ ކުދިންގެ ގަޔަށް އެ ލޭ އެޅުނީ، އެ ވަގުތު ތިބި ޑޮކްޓަރުންނާއި ބައެއް ނަރުހުންނަށް ފްރިޖަށް މައްސަލަ ޖެހުނުކަމުގެ މައުލޫމާތު ރަނގަޅަށް ލިބިފައި ނެތުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި ލޭ އެޅުނު ކުދިންގެ އާއިލާތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ވަކިން ހާއްސަކޮށް، މިކަން ހިނގިކަން އާއިލާތަކަށް އެންގުން ވަރަށް ބޮޑަށް ލަސްވެފައިވާކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަހުމީމް ވަނީ އެއް އާއިލާއަކަށް މައުލޫމާތު ދިނުމުގައި ލަސްތަކެއްވިކަމަށް އެއްބަސްވެ، އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އާއިލާތަކާ ވަކިން ބައްދަލުކޮށް އިތުރު ތަފްސީލު ދިނުމަށް އިސްކަންދޭނެ ކަމަށްވެސް ވިދާޅުވިއެވެ.




