April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މާލީގެ ވެރިރަށާއި އެކި ސިޓީތަކަށް ނިރުބަވެރި ހަމަލާތަކެއް ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 25, 2026, 08:27 PM
މާލެ ސިޓީ

މާލީގެ ވެރިރަށް ބަމާކޯ ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ނިރުބަވެރި ހަމަލާތަކެއް އަމާޒުވެ، މަޝްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެއްޖެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ފެށުނު މި ހަމަލާތަކަކީ އިމްޕިރިއަލިސްޓުންގެ އެހީތެރިކަމާއެކު ދެމުންދާ ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

އެ ގައުމުގެ އަސްކަރިއްޔާ (އެފްއޭއެމްއޭ) އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ބަމާކޯ އާއި އެ ގައުމުގެ އަސްކަރީ ބެރެކްސްތަކަށް ހަމަލާދިން ނިރުބަވެރި ޖަމާއަތްތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހަނގުރާމަ ކުރަމުންދާ ކަމަށެވެ. އަދި މި ނުރައްކާތެރި ހާލަތާ ގުޅިގެން އާބާދީގެ އެންމެހައި ރައްޔިތުން މަޑުމައިތިރިކަން އިސްކުރުމަށް އަސްކަރިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހަމަލާތައް ފެށިފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން ގާތްގަނޑަކަށް 6:00 ހާއިރުއެވެ. އެންމެ ފުރަތަމަ ބަޑީގެ އަޑާއި ދެ ގޮވުމެއްގެ އަޑު އިވިފައިވަނީ މާލީގެ މުހިންމު އަސްކަރީ މަރުކަޒެއް ކަމަށްވާ ކާޓީ ކައިރިންނެވެ. މީގެ އިތުރުން މާލީގެ އުތުރުގައި އޮންނަ ސެވާރޭ ޓައުން، ކިޑާލް ޓައުން އަދި ގާއޯ ސިޓީގައި ވެސް ވަނީ މިފަދަ ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.

މަންޒަރު ދުށް މީހުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހުރިހާ ދިމާލަކުން ވެސް ބަޑީގެ އަޑު އިވެމުންދާ ކަމަށެވެ. އަދި ބަމާކޯގައި ހުރި އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިއަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިޓީ ސެންޓަރާ 15 ކިލޯމީޓަރު ދުރުގައި އޮންނަ މޮޑިބޯ ކެއިޓާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފައިވެއެވެ. މި ހަމަލާތަކާ ގުޅިގެން އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މާލީގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ނިކޮލަސް ހައްގު ބުނި ގޮތުގައި، މިއީ މީގެ ކުރިން ދުވަހަކުވެސް އެ ގައުމުން ފެނިފައިނުވާ ފަދަ ވަރުގަދަ ހަމަލާތަކެކެވެ. އަސްކަރިއްޔާގެ އޮފިޝަލުންނާ ހަވާލާދީ އޭނާ ބުނީ، ހަނގުރާމަވެރިންގެ މައިގަނޑު އަމާޒަކީ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު އެޅި ތަންތަން ކަމަށެވެ. މި ހާލަތުގެ ސަބަބުން އަސްކަރިއްޔާގެ ރޭންކުތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved