April 27, 2026
Advertisement
-
- / އައިކެއަރ އޮޕްޓިކަލްސް

ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ސެޝަންއެއް ކުރިއަށް ގެންގޮސްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 26, 2026, 02:38 PM
މާލެ ސިޓީ

ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ލޮލުގެ ފެނުން ޗެކްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް އައިކެއަރ އޮޕްޓިކަލްއިން ކުރިއަށް ގެންގޮސްފިއެވެ.

Advertisement

މި ހަރަކާތަކީ ލޮލުގެ ސިއްހީ ހިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ހިދުމަތަކަށް ހެދުމަށާއި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ޕްރޮގްރާމެކެވެ.

ކެއަރ ސޮސައިޓީގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ސްކްރީނިން ޕްރޮގްރާމަކީ އެ ސޮސައިޓީން އަހަރީކޮށް ބާއްވާ ހެލްތު ސްކްރީނިން އިވެންޓަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިންގި ހަރަކާތެކެވެ. މި ޕްރޮގްރާމްގައި ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބައިވެރިންގެ ލޮލުގެ ފެނުން ވަނީ ޗެކްކޮށްފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާ ބެހޭ ފަންނީ ލަފާ ފޯރުކޮށްދިނުމެވެ. އެގޮތުން އައިކެއަރގެ އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ވަނީ ބައިވެރިންގެ ލޮލުގެ ފެނުމުގެ އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އިރުޝާދު ދީފައެވެ.

މި ހަރަކާތާ ގުޅޭގޮތުން އައިކެއަރ އިން ބުނެފައިވަނީ، މުޖުތަމައުގެ އެކި ފަންތިތަކަށް ވާސިލްވެ، ލޮލުގެ ސްކްރީނިންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރް) ގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަބަދުވެސް ދެމިތިބޭނެ ކަމަށް އައިކެއަރ އިން ބުންޏެވެ.

ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved