
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ކޮޑަގޫ ޑިސްޓްރިކްޓްގައި ހުންނަ ހޯމްސްޓޭއެއްގައި އެމެރިކާގެ އަންހެން ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ހޯމްސްޓޭގެ މުވައްޒަފަކާއި، އެ މައްސަލަ ފޮރުވަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ ހޯމްސްޓޭގެ ވެރިޔާއެވެ.
މި ބިރުވެރި ހާދިސާގެ ޝިކާރައަކަށްވި އަންހެން މީހާ މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާއަށް މަސްތުވާތަކެތި އެއްކޮށްފައިވާ ބުއިމެއް ދިނުމަށްފަހު ވަނީ ޖިންސީ ގޯނާކޮށްފައެވެ. އެ ވަގުތު ހަށިގަނޑުގެ ކޮންޓްރޯލް ގެއްލި، ދެކޮޅު ހަދަން ނުކުޅެދިފައިވާ ކަމަށާއި، ނަމަވެސް ހިނގަމުންދިޔަ ހުރިހާ ކަމެއް އިހުސާސްވަމުންދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އެކަހެރި ހިލް ސްޓޭޝަން ސަރަހައްދެއްގައި ހުންނަ ހޯމްސްޓޭއެއްގައެވެ. އަދި އެހީއަށް އެދި ގުޅޭނެ މަގުތައް ބަންދުކުރުމުގެ ގޮތުން، އެތަނުގެ ވައިފައި ފަދަ މުވާސަލާތީ ވަސީލަތްތައް ގަސްދުގައި ކަނޑާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެތަނުން ސަލާމަތްވެގެން، އެމެރިކާ އެމްބަސީގެ އެހީތެރިކަމާއެކު މި މައްސަލަ ވަނީ އިންޑިއާގެ ފުލުހުންނަށް ހުށަހަޅާފައެވެ. މިހާރު މި މައްސަލައިގެ ރަސްމީ ތަހުގީގު ފަށައި، ފޮރެންސިކް އަދި މެޑިކަލް ތަހުލީލުތައް ދަނީ ކުރަމުންނެވެ.
އިންޑިއާގައި ފަތުރުވެރިންނަށް ކުރިމަތިވާ މިފަދަ ލާއިންސާނީ ހާދިސާތަކުގެ ސަބަބުން، އެ ގައުމަށް ޒިޔާރަތްކުރާ ބޭރު މީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ބައިނަލްއަގްވާމީ ފެންވަރުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އަދި މިފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.










