
ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގެ ތެރޭގައި، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ހޮނުއެޅުމުގެ ސަބަބުން 14 މީހުން މަރުވެއްޖެއެވެ.
މި ހާދިސާތައް ހިނގާފައިވަނީ އާދީއްތަ އަދި ހޯމަ ދުވަހު ބަންގްލަދޭޝްގެ ހަތް ޑިސްޓްރިކްޓެއްގައެވެ. މި ހޮނުއެޅުމުގެ ހާދިސާތައް ކުރިމަތިވީ އެ ގައުމަށް ކުރިމަތިވި ހޫނުގަދަ ދުވަސްތަކަކަށް ފަހު، ކުއްލިއަކަށް ފެށުނު ގަދަ ވިއްސާރައާއި ގުގުރުމުގެ ތެރޭގައެވެ.
އެންމެ ގިނަ މީހުން މަރުވެފައިވަނީ ގައުމުގެ އުތުރުގެ ޑިސްޓްރިކްޓެއް ކަމަށްވާ ގާއިބަންދާގައެވެ. އެ ސަރަހައްދުން ފަސް މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ. މީގެ އިތުރުން ސިރާޖްގަންޖް، ތަކުރުގާއޯން އަދި ޖަމާލްޕޫރުން ކޮންމެ ސަރަހައްދަކުން ދެ މީހުން މަރުވެފައިވާއިރު، ބޮގުރާ، ނޭޓޯ އަދި ޕަންޗަގަރުން ކުރެ ކޮންމެ ސަރަހައްދަކުން އެކަކު ވަނީ މަރުވެފައެވެ.










