May 25, 2026
Advertisement
Rape koh maraali Ramisa
Rape koh maraali Ramisa

ބަންގްލަދޭޝްގައި 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބޯ ބުރިކޮށްލައިފި

Aiminath Sarah
އައިމިނަތް ސާރާ
May 25, 2026, 09:50 AM
މާލެ ސިޓީ

ބަންގްލަދޭޝްގައި އުމުރުން އެންމެ 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު، ވަރަށް އިހާނެތި ގޮތަކަށް މަރާލައި ބޯ ބުރިކޮށްލާފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އެ ގައުމުގެ ޕޮޕިއުލާ މޮޑެލް ހައިސްކޫލުގައި ކިޔަވަމުންދިޔަ ރަމިސާ އަކްތާ ނަމަކަށް ކިޔާ ދަރިވަރެކެވެ.

Advertisement

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރަމިސާގެ ހަށިގަނޑު ފެނިފައިވަނީ އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ސޮހެލް ރަނާ (32އ) ދިރިއުޅޭ ފްލެޓްގެ އެނދު ދަށުންނެވެ. މި ހާދިސާއާ ގުޅިގެން މިރްޕޫރް ޑިވިޟަންގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ މޮސްޓަކް ސާކާ ވިދާޅުވީ، ސޮހެލް އާއި އޭނާގެ އަނބިމީހާ ވެގެން ކުއްޖާ އެ ގެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގޯނާކުރީ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުއްޖާ ހަޅޭއްލަވަން ފެށުމުން، މައްސަލަ ފޮރުވުމުގެ ގޮތުން ކުއްޖާ މަރާލީ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ރަމިސާގެ މަންމަ ޕަރްޗީން ބެގަމް ކިޔައިދިން ގޮތުގައި، ދަރިފުޅު ގެއްލިގެން ހޯދަނިކޮށް ސޮހެލްގެ ފްލެޓް ކައިރިން ރަމިސާގެ ފައިވާން ފެނުމުން ޝައްކުވެގެން އެތަނަށް ވަނީއެވެ. "ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަންއިރު ރަމިސާގެ ހަށިގަނޑު އޮތީ އެނދު ދަށުގައި،" އޭނާ ބުންޏެވެ. ރަމިސާގެ ބޭބެ ބުނި ގޮތުގައި، އެނދު ދަށުން ހަށިގަނޑު ފެނުނުއިރު ބޯ އޮތީ ބުރިކޮށްލާފައެވެ. ފަހުން ކުއްޖާގެ ބޯ ފެނިފައިވަނީ އެ ގޭގެ ފާހަނާ ތެރޭގައި ހުރި ބާލިދީއެއްގެ ތެރެއިންނެވެ.

ފުލުހުން ބުނި ގޮތުގައި، ކުއްޖާގެ މަންމަ އެ ގެއަށް ވަން ވަގުތު ސޮހެލް ވަނީ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ފުލުހުން މިހާރު ވަނީ ސޮހެލް އާއި އޭނާގެ އަނބިމީހާ ހައްޔަރުކޮށްފައެވެ. ސޮހެލް މިހާރު ވަނީ މި ކުށަށް އިއުތިރާފުވެފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބޮޑަށް ބެލެވުނު ނަމަވެސް، އެކަން ކަށަވަރު ކުރެވޭނީ މިހާރު ކުރިއަށްދާ އޮޓޮޕްސީ ރިޕޯޓަށް ފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އަނިޔާވެރި އަމަލާ ގުޅިގެން އެ ސަރަހައްދުގެ އާންމުންގެ މެދުގައި ވަނީ ބޮޑު ސިހުމަކާއި ނުރުހުމެއް އުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved