
އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާއި ކްރިސްޓިއަނުންނަށް ކުރިމަތިވަމުންދާ ލާއިންސާނީ އަނިޔާތަކާއި އިހާނެތިކަމުގެ ޖަވާބު ހޯދުމަށް، އެމެރިކާގައި އިންޑިއާގެ އިސްވެރިންނާ މަގުމަތިން ދިމާކޮށް އާންމުންނާއި އެކްޓިވިސްޓުން ސުވާލުކުރަން ފަށައިފިއެވެ.
ފަހަކަށް އައިސް އިންޑިއާގެ ސަރުކާރުގެ ވަޒީރުންނާއި އިސް ބޭފުޅުން އެމެރިކާގެ އެކި ސިޓީތަކަށް ކުރައްވާ ޒިޔާރަތްތަކުގައި، އެގައުމުގެ މަގުމަތިންނާއި އާންމު އެއްވުންތަކުގައި މީހުން ދަނީ އެމީހުން ހުއްޓުވައި، އިންޑިއާގައި ހިނގަމުންދާ ދީނީ އަނިޔާވެރިކަމާ ގުޅޭގޮތުން ހަރުކަށި ސުވާލުތައް ކުރަމުންނެވެ. މި ސުވާލުތައް އަމާޒުވަނީ މައިގަނޑު ގޮތެއްގައި އިންޑިއާގެ މައިނޯރިޓީ ގްރޫޕްތަކާ ދެކޮޅަށް ހިންގާ ލޭއޮހޮރުވުންތަކާއި، އެކަންކަން ހުއްޓުވުމަށް ސަރުކާރުން ނުކުޅެދިފައިވާތީ އެކަމުގެ ޝަކުވާގައެވެ.
ޚާއްސަކޮށް، އިންޑިއާގެ މަނިޕޫރު ސްޓޭޓްގައި ހިނގަމުންދާ ނަސްލީ އަދި ދީނީ ހަމަނުޖެހުންތަކުގައި ކްރިސްޓިއަން ދީނުގެ މީހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. މަނިޕޫރުގައި އެތައް ސަތޭކަ ފައްޅިއެއް އަންދާލައި، އެތައް ހާސް ބަޔަކު ގެދޮރުން ބޭރުކޮށްލާފައިވާއިރު، މި ލާއިންސާނީ އަމަލުތަކާ ގުޅިގެން އިންޑިއާގެ ވެރިންނަށް ދަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެމެރިކާގެ މަގުމަތިން ދިމާވާ އެކްޓިވިސްޓުން ދަނީ މަނިޕޫރުގެ ހާލަތާ މެދު ހަނދާންކޮށްދީ، އެކަމުގެ ޒިންމާ އިންޑިއާ ސަރުކާރުން އުފުލަންޖެހޭނެ ކަމަށް ބުނަމުންނެވެ.
މީގެ އިތުރުން، އިންޑިއާގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭގޮތުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ. މީގެ ތެރޭގައި މުސްލިމުންގެ ގެދޮރު ގާނޫނާ ޚިލާފަށް ތަޅާލުމާއި، ދީނީ ކަންކަމުގައި ހުރަސްއެޅުމާއި، އަދި ހަރުކަށި ހިންދޫ ގްރޫޕްތަކުން މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވަމުންދާ މައްސަލަ ހިމެނެއެވެ.
އެމެރިކާގެ ނިއުޔޯކާއި ވޮޝިންގޓަން ފަދަ ސިޓީތަކުގައި މިފަދަ ހާދިސާތައް ހިނގަމުންދާއިރު، މިއީ އިންޑިއާގެ ދާޚިލީ ހާލަތާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތް ކަންބޮޑުވުން ހާމަކޮށްދޭ ކަމެކެވެ. އިންޑިއާގެ ވެރިންނަށް މިފަދަ ސުވާލުތަކާ ކުރިމަތިލާން ޖެހިފައިވަނީ، އެގައުމުގައި ދީނީ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.










