
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު، އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވާން ނިންމާފައިވާކަން އިއުލާން ކުރުމާއެކު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން ދޯހާގައި ހުންނަވައިގެން އަލްޖަޒީރާ އިނގިރޭސި ޚިދުމަތަށް މައުލޫމާތު ދެއްވަމުން މައިކަލް އެޕެލް ވިދާޅުވީ، މިއީ ޔޫއޭއީގެ ތެޔޮ އުފެއްދުމުގެ ސިޔާސަތުތައް އެ ގައުމުން އަމިއްލައަށް މިނިވަންކަމާއެކު ބެލެހެއްޓުމަށް ބޭނުންވާކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އޯޕެކުން ކަނޑައަޅާފައިވާ ކޯޓާތަކާ ނުލައި ތެޔޮ އުފެއްދުން އިތުރުކުރުމަކީ ޔޫއޭއީގެ ދިގު މުއްދަތުގެ ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބޭނެ ބޮޑު ފަސޭހައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޔޫއޭއީ އިން މި ފިޔަވަޅު އަޅާފައި މިވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ސަޕްލައިއަށް އަންނަ ބަދަލުތަކަށް މާކެޓް ވަރަށް ނާޒުކުވެފައިވާ ދަނޑިވަޅެއްގައެވެ. އިގްތިސާދީ ތަހުލީލުކާރުން ލަފާކުރާ ގޮތުގައި ޔޫއޭއީ ވަކިވުމުން އޯޕެކް ޕްލަސްގެ އެއްބައިވަންތަކަން ބަލިކަށިވެ، ބާކީ ތިބި މެންބަރު ގައުމުތަކުގެ މެދުގައި ތެލުގެ އަގާއި އުފެއްދުމުގެ އެއްބަސްވުންތަކަށް ނޭދެވޭ އަސަރުތަކެއް ފޯރާނެއެވެ.
ޔޫއޭއީ އިން އިއްތިހާދުން ވަކިވާނެ ވަކި ތާރީޚެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް، މި ނިންމުމާއެކު އޯޕެކް ޕްލަސްގެ މެންބަރުންގެ މެދުގައި ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމާ ގުޅޭގޮތުން ކުއްލި މަޝްވަރާތަކެއް ފެށޭނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ސިޔާސީ މަޝްރަހު ނުތަނަވަސްވެ، ތެލުގެ ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އޯޕެކް ފަދަ ބޮޑު އިއްތިހާދެއް ބައިބައިވުމަކީ ބައިނަލްއަގުވާމީ މާކެޓަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ.










